17 Nov 2015, 18:24
މޮސްކޯ (ނޮވެމްބަރ 17) :މިސްރުގެ ސައިނާ ކައިރިއަށް ވެއްޓުނު ރަޝިއާގެ މަތިންދާބޯޓު ވެއްޓިފައިވަނީ ބޯޓުގެ އެތެރޭގައި ބޮމެއް ގޮވުމުގެ ސަބަބުން ކަމަށް ޔަގީން ވުމާއި އެކު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ ހަމަލާ ދިން މީހުންނަށް ކުށުގެ އަދަބު ދެއްވާނޭ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
ރަޝިއާގެ ސީކްރެޓް ސާވިސް އިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސެކިއުރިޓީ ޗީފް އެލެގްޒަންޑާ ބޯޓްނިކޮވް ވަނީ އެ ބޯޓު ވެއްޓުނީ ބޯޓުގެ އެތެރެއިން ބޮމެއް ގޮވުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.
ބޯޓްނިކޮވް ވިދާޅުވީ އެ ބޮމަކީ އެއް ކިލޯގުރާމްގެ ޓީއެންޓީ ހުރި ބޮމެއް ކަމަށެވެ. އަދި ބޮޑު ސަރަހައްދަކަށް ބޯޓުގެ ބައިތައް ބުރައިގެން ދިޔައީ ބޯޓު ވައިގެ ތެރޭގައި ގޮވުމުން ކަމަށެވެ.
"އެއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް އެއްވެސް ޝައްކެއް ނެތި މިހާރު ބުނެވޭނެ،" ބޯޓްނިކޮވް އިތުރަށް ވިދާޅުވި އެވެ.
ރަޝިއާގެ ތާރީހުގައި ހިނގާފައިވާ އެންމެ ބޮޑު އެއް ޖަރީމާގެ ގޮތުގައި ސިފަ ކުރައްވަމުން ޕޫޓިން ވަނީ ބޯޓު ވައްޓާލި މީހުން ހޯދަން، ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ރަޝިއާގެ ސީކްރެޓް ސާވިސްއަށް ގޮވާލައްވާފަ އެވެ.
"ކުށްވެރިން ފިލާ ތިބި ތަނަކުން ހޯދާނަން. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އެމީހުން ހޯދައިގެން ކުށުގެ އަދަބު އެމީހުންނަށް ދޭނަން،" ޕޫޓިން ރަޝިއާގެ ރައްޔިތުންނަށް ޔަގީންކަން ދެއްވި އެވެ.
އައިއެސް އިން ވަނީ ރަޝިއާގެ ބޯޓު ވައްޓާލީ އެމީހުން ކަމަށް މީގެ ކުރިން ބުނެފަ އެވެ. އަދި ހަމަލާދީފައިވަނީ ރަޝިއާއިން އެ ޖަމާއަތާއި ދެކޮޅަށް ދޭ ވައިގެ ހަމަލާތަކުގެ ބަދަލެއްގެ ގޮތުން ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.
އައިއެސް އިން އިންޒާރު ދިން ނަމަވެސް ރަޝީއާ އިން ވަނީ 31 އޮކްޓޯބަރު ގައި ރަޝިއާގެ ބޯޓު ވެއްޓުނު ފަހުން އައިއެސް އާއި ދެކޮޅަށް އެގައުމުން ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ.