އިސްލާމިކް ސްޓޭޓް( އައިއެސް) އިން ހަމަލާއެއް ދީފާނެތީ އިންޑިއާގައިވާ ފްރާންސާއި އިސްރާއީލާއި އަދި ބައެއް އެހެން ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ސަލާމަތީ ކަންތައްތައް އިންޑިއާއިން ވަރުގަދަކޮށްފިއެވެ.

ރޮއިޓާސް އިން ބުނީ މިދިޔަ ހުކުރު ދުވަހު ފަރަންސޭސިވިލާތުގެ ޕެރިހަށް އައިއެސް އިން ދިން ހަމަލާތަކާ ގުޅިގެން އިންޑިއާގެ އިންޓީރިއާ މިނިސްޓްރީން އެގައުމުގެ އެކި ސްޓޭޓްތަކުގެ ފުލުހުންގެ ވެރިންނަށް ނޯޓެއް ފޮނުވާފައިވާ ކަމަށެވެ. ޑިޕްލޮމެޓިކް މިޝަންތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އަންގާފައި ވަނީ އެނޯޓްގެ ޒަރިއްޔާއިން ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ރޮއިޓާސްއަށް ކޮޕީ ލިބިފައިވާ ނޯޓްގައި، އިންޑިއާގެ ސްޓޭޓްތަކުގެ ފުލުހުންގެ ވެރިންނަށް އިންޓީރިއާ މިނިސްޓްރީން އަންގާފައި ވަނީ ފްރާންސާއި އިސްރާއީލުގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ތުރުކީ ، ޖަރުމަނު އަދި އޮސްޓްރޭލިއާގެ މިޝަންތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށެވެ.

އެތަންތަނުގެ ސަމާތީ ކަންތައްތައް ވަރުގަދަ ކުރަން ޖެހޭ ސަބަބެއް ކަމަށް ނޯޓްގައި ބުނެފައި ވަނީ "އައިސިސް/އައިސިލް" އިން އިންޑިއާގެ ބައެއް ޒުވާނުން ރޭޑިކަލައިޒް ކުރުމުގައި ކާމިޔާބުކޮށްފައިވާ ކަމަށާއި އެހެންވީމާ އެޖަމާއަތުން ރާވައިގެން އިންޑިއާގައި ކަމެއް ހިންގަފާނެ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.