އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓުމަންޓު ބޭންކު (އޭއައިއައިބީ)ގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ބިލުގެ މަގްސަދެއް ކަމަށް ބުނެފައި ވަނީ، އެކަމާ ގުޅޭ ގޮތުން ތަފާތު މުއާހަދާތަކުގައި ރާއްޖެ ސޮއިކޮށްފައިވާ ހިނދު ރާއްޖޭގެ ގާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން އޭއައިއައިބީގެ ފުރިހަމަ މެމްބަރަކަށް ރާއްޖެވުމަށް ޓަކައި ފުރިހަމަ ގާނޫނެއް އެކުލަވާލަންޖެހޭނެ ކަމަށެވެ. އަދި އެ ބޭންކުގެ މެމްބަރެއްގެ ހައިސިއްޔަތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަކީ ވެސް ބިލު ހުށަހެޅުއްމުގެ މަގުސަދެއް ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ބުނެފައި ވަނީ ބޭންކާ ގުޅޭ ލިޔެކިއުންތަކުގައި ސޮއިކުރާނީ ރައީސުލްޖުމްހޫރިއްޔާ އިހުތިޔާރުކުރާ ބޭފުޅެއް ކަމަށެވެ. އަދި އެގްރީމެންޓުގެ ދަށުން ރާއްޖޭގައި ފައިސާ ޖަމާކޮށް ރައްކާ ކޮށްފައި ބަހައްޓާނީ ރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ކަމަށެވެ.

އެ ބޭންކުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ ގަވަރުނަރުންނާއި އޯލްޓަނޭޓު ގަވަރުނަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ފަރާތުން އެ ބޭންކަށް ކަނޑައަޅާ ގަވަރުނަރާއި އޯލްޓަނޭޓު ގަވަރުނަރަށް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މަލްޓިލެޓަރަލް ޑިވެލޮޕްމަންޓު ބޭންކުތަކުގެ އިންޓަނޭޝަނަލް ބެސްޓު ޕްރެކްޓިސްއާ އެއްގޮތަށް އަމަލު ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓުމަންޓު ބޭންކް ހިންގުމަށް ޓަކައި ހަދައި ފާސްކޮށްފައިވާ އާޓިކަލްސް އޮފް އެގްރީމެންޓުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރެވޭ އެންމެހާ މުއާމަލާތްތައް ދިވެހިރާއްޖޭގައި ނެގޭ އެންމެހާ ޓެކްސްތައް އިސްތިސްނާވާނެ ކަމަށްވެސް ބިލްގައި ބުނެފައިވެ އެވެ.

ޗައިނާ އިން އިސްނަގައިގެން އުފައްދާ، އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އުފެއްދުމާއި ގުޅޭ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފައި ވަނީ މީގެ ހަތަރު މަސް ކުރިން ނެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައި ވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ.