22 Nov 2015, 17:26
ގައުމީ ފިރިހެން ވޮލީބޯޅަ ލީގުގައި މޯލްޑިވިއަން ރިކްރިއޭޝަން ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މާދާމާގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅޭ އެ މުބާރާތުގައި ޖުމްލަ ފަސް ޓީމް ބައިވެރިވެއެވެ. އެ ޓީމްތަކަކީ ސްޕޯޓްސް ކްލަބް ސިޓީ އާއި ގްޑީސް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވިއަން ރިކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބެވެ.
މޯލްޑިވިއަން އިން ފުރަތަމަ ސެޓު ކާމިޔާބު ކުރީ 21-25 އިންނެވެ. ދެ ވަނަ ސެޓު ޕޮލިސް ވަނީ 25-16 އިން ކާމިޔާބުކޮށްފަ އެވެ. މޯލްޑިވިއަން މޮޅުވީ އަނެއް ތިން ސެޓު 19-25، 30-28 އަދި 11-15 އިން ކާމިޔާބުކޮށްގެންނެވެ.
ސިފައިން ރޭ ކުޅުނު މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސިފައިންގެ ޓީމުން ސެޓުތައް ކާމިޔާބުކުރީ 25-19، 25-16 އަދި 16-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިންގެ ޓީމުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ސިފައިންނާއި ޕޮލިހެވެ. މިރޭ ކުޅޭ މެޗްގައި ވާދަކުރާނީ ސިޓީ އާއި ގުޑީސް އެވެ. ލީގުގެ ދެ ވަނަ ބުރަށް ހޮވޭނީ މި ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. އަދި އެ ހަތަރު ޓީމަށް ގައުމީ މުބާރާތަށް ވެސް ހޮވޭނެ އެވެ.