22 Nov 2015, 23:04
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮއްނަނީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި ރާއްޖެއަށް ޗައިނާއިން ކުރާ އިންވެސްޓްތަކުގެ ސަބަބުން އެގުޅުމަށް ބުރުލެއް ނާރާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޕްރެސް ޓްރަސްޓް އިންޑިއާ ނޫހަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ދުންޔާ ވިދާޅުވި ރާއްޖެއަށް ޗައިނާގެ އިނވެސްޓަރުން އަޔަސް "ކަންބޮޑު ނުވުމަށާއި" ސިޔާސީގޮތުންވެސް އަދި އެއްވެސް މައްސަލައަކާ ގުޅިގެން އިންޑިއާ އާއެކު އޮއްނަ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ.
މިހާރު އިންޑިއާއަށް ކުރައްވައިގެން އުޅުއްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަކުރައްވައި ދުންޔާ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ގުޅުން ބަދަހި ދެގައުމު ކަމަށާއި ރާއްޖޭގެ ހުރިހާ ކަމަކާ ބެހޭގޮތުންވެސް އިންޑިއާ އާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޗައިނާގެ އިގްތިސާދު ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ފެތުރިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އަދި ރާއްޖެއަކީ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށާއި ޗައިނާއިން ރާއްޖެއަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުންދާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ފާހަގަކޮށްފައިވެ އެވެ.
އިންޑިއާއަކީ ހުޅަގުގެ ގައުމުތަކާ ޚިލާފަށް ޑިމޮކްރަސީއަށް ތާއީދު ކުރާ ސިޔާސީ ގޮތުންވެސް ރާއްޖޭގެ ނިންމުންތަކަށް ތާއީދުކުރާ ގައުމެއް ކަމަށް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.
ދުންޔާ އިންޑިއާއަށް ކުރައްވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން އިންޑިއާހެ ފޮރިން މިނިސްޓަރާ އެކު ވަނީ މަޝްވަރާކުރައްވާފަ އެވެ.