ޒުވާނުންގެ ދުވަހާ ގުޅުވައިގެން ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ޒުވާނުންނަށް ސޯސަންވިލާގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މެޖިސްޓާ އެފްސީ ހޯދައިފި އެވެ.

އާއްމުކޮށް ހުޅުވާލައިގެން "ޔޫތް ކަޕް"ގެ ނަމުގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން މެޖިސްޓާ ހޯދާފައި ވަނީ މިއަދު ހަވީރު ސޯސަންވިލާގައި އޮންނަ ފުޓްސަލް ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ރޮކްސީ އެފްސީއާ ވާދަކޮށް 8-3 ގެ ނަތީޖާ އަކުންނެވެ.

ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއް ރަޝީދު (އަދުރޭ) ވިދާޅުވީ، ޔޫތް ކަޕް ފުޓްސަލް މުބާރާތަކީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު ފެށި މުބާރާތެއް ކަމަށެވެ. ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ އެ މުބާރާތުގައި މިއަހަރު 10 ޓީމަކުން ބައިވެރިވެފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުޓްސަލް މުބާރާތުގެ ވަނަވަނަ އައި ފަރާތްތަކަށް އިނާމު ހަވާލުކުރުން އޮންނާނީ ޒުވާނުންގެ ދުވަހާ ގުޅިގެން އަންނަ ހުކުރު ދުވަހު ބާއްވާ ހާއްސަ ޝޯއެއްގައި ކަމަށެވެ.

ޒުވާނުންގެ ދުވަހާ ގުޅުވައިގެން އަންހެނުންގެ ހޭޑް ބޯލް މުބާރާތެއް ވެސް އަންނަ ބުދަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ އެ މުބާރާތަކީ ސޯސަންވިލާ އިން އިސްނަގައިގެން ހޭޑް ބޯލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އެ މުބާރާތުގެ ވަނަވަނަ އަށް އަންނަ ފަރާތްތަކަށް އިނާމު ހަވާލުކުރުން ވެސް އޮންނާނީ ހުކުރު ދުވަހު އޮންނަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ފެނިގެންދާނެ ޒުވާނުންގެ ޝޯގައެވެ.