ތެހެރާން (ނޮވެމްބަރު 23) : އީރާނުގައި ކުރިޔަށްދާ، ގުދްރަތީ ގޭސް އުފައްދާ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ތެހެރާނަށް ވަޑައިގެންފި އެވެ.

ޕޫޓިންގެ މިދަތުރުފުޅުގައި އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި އާއި އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ އާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އީރާނުގައި ކުރިޔަށްދާ، ގުދްރަތީ ގޭސް އުފައްދާ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އަށް ގައުމެއްގެ އިސްވެރިންބައިވެރިވެ ވަޑައިގަންނަވާނެ އެވެ. ގުދްރަތީ ގޭސް އުފައްދާ ގައުމުތަކުގެ ތެރޭގައި އީރާނާއި ރަޝިޔާގެ އިތުރުން ގަތަރާއި ކަޒަޚިސްތާނާއި އުމާނާއި ބުރުނާއި އާއި އިރާގާއި އަލްޖަޒާއިރާއި ނޯވޭ އާއި މެލޭޝިޔާފަދަ ގައުމުތައް ހިމެނެ އެވެ.

މިސަމިޓްގެ އަރިމަތީގައި ދެއްވި ބަޔާނެއްގައި އީރާނުގެ ތެލާ އަދި ގުދްރަތީ ގޭހާ ބެހޭ ވަޒީރު ބެއިގީން ނަމްދާރު ވިދާޅުވީ ނިއުކްލިޔާ މައްސަލާގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ އެކު ވަރަށް ބާރު މިނެއްގައި އީރާނުގެ ތެލާއި ގޭހުގެ އިންޑަސްޓްރީތައް ތަރައްގީކޮށް އެތަކެތި އެކްސްޕޯޓް އިތުރުކުރާނެ ކަމުގަ އެވެ.

އަދިއީރާނުގެ ތެޔޮ ބައިނަލްއަގްވާމީ ބާޒާރަށް ނެރޭމިންވަރު އިތުރު ކުރުމަށް ޓަކައި އޯޕެކްގެ ހުއްދައަކަށް އީރާން އިންތިޒާރު ނުކުރާނެ ކަމަށް ވެސްނަމްދާރު ވިދާޅުވި އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލު ކުރުމަށް އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދުވެފައިވާ އެއްބަސްވުމާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ގަރާރެއް ދާދިފަހުން ފާސްކޮށްފަ އެވެ. މިއާއެކު އީރާނުންވަނީ އެގައުމުން މިހާރު އެކްސްޕޯޓް ކުރާ ތެލުގެ މިންވަރު އަންނަ އަހަރު ދެގުނަ އިތުރު ކުރުމަށް ނިންމާފަ އެވެ.

އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަންނަ އަހަރު ފެށޭތާގައި ނިމުމަކަށް ގެންނާނެކަން ހުޅަނގުގެ ގައުމުތަކުން ވަނީ ހާމަކޮށްފަ އެވެ. އީރާނުން ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރަށް ވުރެ ވެސް ބޮޑަށް ދަށަށްދާނެ ކަމަށްވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)