24 Nov 2015, 10:50
ޕްރޮސެކިއުޓާ ޖެނެރަލް ކަމަަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދެއްވި އާއިޝަތު ބިސާމް ޕީޖީގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ޕީޖީގެ މަގާމަށް ބިސާމް އައްޔަންކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މަގާމުގެ ހުވާލާދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެވެ. އަދި މަގާމުގެ ފަތްކޮޅު ބިސާމަށް އެރުވީ ރައީސް އަބްދުﷲ ޔާމީން އެވެ.
ބިސާމް ޕީޖީ ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 66 މެމްބަރުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ހަތަރު މެމްބަރުން ވޯޓު ދެއްވި އެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެމަގާމަށް އެދި ކުރިމަތިލާފައި ވަނީ ހަމަ އެކަނި ބިސާމް އެވެ.
ޕީޖީގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުންނެވެ.
އޭނާ މަގާމުން ދުރުކޮށްފައި ވަނީ ޕީޖީގެ މަގާމުގެ މަސްއޫލިއްޔަތުގެ ދަށުން ލިބިފައިވާ މައުލޫމާތު ކަމާ ގުޅުން ނެތް ފަރާތްތަކާ ހިއްސާކޮށްފައި ވާތީ އާއި ޖިނާއީ މައްސަލަތަކުގެ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާ މެދު ވަކި ގޮތަކަށް އަމަލު ކުރުމަށް ޓަކައި ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާއި މަޝްވަރާކޮށް ވަކި މަންފާއެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެވެ.