24 Nov 2015, 13:54
ފަހަކަށް އައިސް ގިނަ ބަޔެއްގެ ތެރޭގައި މަގުބޫލު، ރިމޯޓު ކޮންޓްރޯލުން އުދުހޭ ޑުރޯން ބޭނުން ކުރާނެ އާ ގަވާއިދުތައް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން [އެފްއޭއޭ] އިން ހެދި އެކަމާ ބެހޭ ޓާސްކްފޯސް އަކުން ހޯމަ ދުވަހު ހުށަހަޅައިފި އެވެ.
އެ ގަވާއިދުތަކުގައިވާ ގޮތުން ޑްރޯން ބެނުން ކުރަން ބޭނުންވާ ކޮންމެ މީހަކު އެމެރިކާގެ ސަރުކާރުގައި ޑްރޯން ރެޖިސްޓާ ކުރަން ޖެހޭނެ އެވެ. ޑްރޯން ރެޖިސްޓާ ކުރާއިރު ޑްރޯން ގެންގުޅޭ ކޮންމެ މީހެއްގެ ނަމާއި އެޑްރެސް ދޭން ޖެހޭނެ އެވެ. އެ މައުލޫމާތު ރައްކާކުރާނީ އެމެރިކާގެ ގައުމީ ޑޭޓާބޭސް އެއްގަ އެވެ.
މީގެ އިތުރުން 0.2 ކިލޯ އަށް ވުރެ އިތުރަށް ބަރުދަން ހުންނަ ކޮންމެ ޑްރޯން އެއްގައި އެމެރިކާގެ ސަރުކާރުން ދީފައިވާ ރެޖިސްޓްރޭޝަން ނަމްބަރެއް ހުންނަން ވާނެ ކަމަށް އެ ލިސްޓުގައިވެ އެވެ.
އެ ގަވާއިދުތަކާ ހިލާފުވާ މީހަކަށް އަދަބެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 25،000 ޑޮލަރުން ޖޫރިމަނާ ކުރުމެވެ. އެފްއޭއޭގެ ޓާސްކްފޯސް އިން ބުނި ގޮތުގައި އެހާވަރަށް ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ މަސްތުވާތަކެތި ފަދަ މަނާ ތަކެތި ޓްރެފިކް ކުރާ މީހުން ހުއްޓުވުމަށެވެ.
މީގެ ކުރިން ހަދާފައިވާ ގަވާއިދުތަކުގައި ޕެކެޖްތައް އެއްތަނުން އަނެއްތަނުން ގެންދިޔުން ފަދަ ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން ބޭނުން ކުރުމަށް ވަނީ ހާއްސަ ގަވާއިދުތައް ހަދައިފަ އެވެ. ނަމަވެސް ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހިފައި ވަނީ މިހާރު ޑްރޯން އަކީ ގިނަ ބަޔަކު ފޫހި ފިލުވުމަށް ހުސް ވަގުތުގައި ބޭނުން ކުރާ އެއްޗެއްގެ ގޮތުގައި ވެފައި ވާތީ އެވެ. އެގޮތުން މި ކްރިސްމަސް ޗުއްޓީގެ ތެރޭގައި އެމެރިކާ އިން އެކަނިވެސް 400،000 ޑްރޯން ވިކޭނެ ކަމަށް ކޮންޒިއުމާ ޓެކްނޮލޮޖީ އެސޯސިއޭޝަން އިން ލަފާ ކުރެ އެވެ.
ޑްރޯންސް ތައާރަފްވިތާ ގިނަ އަހަރުތަކެއް ވެފައިވާ އިރު އޭގެ މަގުބޫލުކަން އިތުރުވެފައި ވަނީ އެއަށް ގެނެސްފައިވާ ޓެކްނޮލޮޖިކަލް ކުރިއެރުން ތަކުގެ ސަބަބުންނާއި މަތިން ފޮޓޯއާއި ވީޑިއޯ ނެގުމުގެ ޝައުގު އާއްމުންގެ މެދުގައި އިތުރު ވުމުންނެވެ. ޑްރޯން ބޭނުން ކުރާ މީހުން އިތުރުވަމުންދާ ވަރަކަށް ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި ޑްރޯން ތަކާއި ބެހޭ އެތައް ސަތޭކަ މައްސަލަތަކެއް އެފްއޭއޭ އަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ޑްރޯންތަކުން މީހުންގެ ގައިގައި ޖެހުމުންނާއި މަތިންދާބޯޓާ މާ ކައިރިން ޑްރޯން އުދުއްސުމުން ކޮށްފައިވާ ޝަކުވާތައް ހިމެނެ އެވެ. ވައިޓް ހައުސްއާ ކައިރިން ޑްރޯނެއް އުދުއްސުމުގެ ސަބަބުން މިދިޔަ މޭ މަހު އެކަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ޕްރައިވަސީ އާ ބެހޭ ގްރޫޕްތަކުން ވަނީ އެ ގަވާއިދު އާކުރުމަށް ހުށަހަޅާފައިވާ ލިސްޓް އަދި ވެސް ފުރިހަމަ ނުވާ ކަމަށް ބުނެފަ އެވެ. ސަބަބަކީ ޑްރޯންއެއްގައި ރެޖިސްޓަރީ ނަމްބަރެއް ޖެހިޔަސް އެހެން މީހުންނަށް ޖާސޫސް ކުރުން ފަދަ ކަންތައްތައް ނުހުއްޓުވޭނެ ކަމަށް އެ ޖަމިއްޔާތަކުން ބުނެ އެވެ.
މައުލޫމާތޫ: ނިއުޔޯކްޓައިމްސް