25 Nov 2015, 12:13
ލީގްގައި އީގަލްސްއަށް ދެން ގެއްލޭނެ އެއްޗެއް ވެސް އަދި އިތުރަށް ލިބޭނެ އެއްޗެއް ވެސް ނެތް ކަމަށާއި އެހެންވެ އީގަލްސްގެ މިހާރުގެ އަމާޒަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެކުޅުންތެރިންގެ ފެންވަރުހުރިކަން ސާބިތުކޮށްދިނުން ކަމަށް އެ ޓީމްގެ އެސިސްޓެންޓް ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.
ފާއިތުވެ ދިޔަ ތިން މެޗްގައި ވެސް ރިޒުވާންއަށް 90 މިނެޓް ކުޅެން ފުރުސަތު ދިނީ ޓީމުގައި ޢޭނާގެ ދައުރު ބޮޑުކޮށް ގިނަ ބަޔަކަށް އޭނާގެ ކުޅުމުގެ ފެންވަރު ދައްކާލުން ކަމަށެވެ.
އަދި ކުރިއަށް އޮތް މެޗްތަކުގައި ވެސް ގިނަ އަދަދެއްގެ ޅަ ކުޅުންތެރިންނަށް ފުރުސަތުދީ ފެންވަރު ދައްކަލަން ބޭނުންވާ ކަމަށް ޝާކިއްޓޭ ބުންޏެވެ.
އެޓީމްގެ ސުޕެއިންގެ ފޯވަޑް ހިމޭނޭޒް ރޭޔެސް ގެރާޑޯ ވެސް މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑުން ނުފެނުނީ ކީއްވެތޯ ސުވާލު ކުރުމުން ޝާކިއްޓޭ ބުނީ ހިމެނޭޒް ވެސް ބެންޗްގައި ބެހެއްޓީ ވެސް ދިވެހި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.
އީގަލްސްގެ އެސިސްޓަންޓް ކޯޗް ޝާކިއްޓޭ ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަނީ. އޭނަ ބުނީ އީގަލްސްގެ އަމާޒަކީ ޒުވާން ކުޅުންތެރިނަށް ފުރުސަތުދީ އެކުޅުންތެރިންގެ ފެންވަރު ދައްކާލުން ކަމަށް --- ސަން ފައިލް ފޮޓޯ ފޮޓޯ/ އަލީ ނަސީރު --- ސަން ފޮޓޯ/ އަލީ ނަސީރު
އެގޮތުން އެންމެ ގަހުން މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗްގައި ވެސް 21 އަހަރުން ދަށުގެ ހަތް ކުޅުންތެރިންނަށް ފުރުސަތު ދީފައިވާނެ ކަމަށް ޝާކިއްޓޭ ބުންޏެވެ.
"އީގަލްސްއަށް މިހާރު ލީގްގައި ގެއްލޭނެ އެއްޗެއްވެސް ނެތް. އަދި ލިބޭނެ އެއްޗެއް ވެސް ނެތް. އެހެންވެ އީގަލްސްގެ މިހާރު އެންމެ ބޮޑު އަމާޒަކަށް ވެފައި ވަނީ ވީހާވެސް ގިނަ ޅަ ކުޅުންތެރިންނަށް ފުރުސަތު ދިނުން،" ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗްކަން ވެސް ކުރަމުންގެންދާ ޝާކިއްޓޭ ބުންޏެވެ.
އީގަލްސްގެ ކޯޗް އިހްސާން އަބްދުލްޣަނީ (ސާންތީ) ވެސް ވަނީ ޝާކިއްޓޭގެ ވާހަކަ އަށް ބާރުދީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެކުޅުންތެރިންގެ ހުނަރު ސާބިތުކޮށްދިމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ސާންތީގެ ފޭސްބްކް ޕޯސްޓް: ޒުވާން ކުޅުންތެރިނަށް ފުރުސަތު ދިނުމުން އެކުޅުންތެރިންގެ ފަރަތުން ފެންނަ ކުޅުމާ މެދު ސާންތީ ވަނީ ހިތް ހަމަޖެހުން ފާޅުކޮށްފައި ---
ފޭސްބުކްގައި ސާންތީ ބުނެފައި ވަނީ އޭނާއަކީ ފުޓްބޯޅައިގެ އެހާބޮޑު ޓެކްޓީޝަނަކަށް ނުވާނެ ކަމަށާއި ނަމަވެސް އޭނާ މަސައްކަތް ކުރަނީ ޒުވާން ކުޅުތެރިންގެ ހުނަރު އިތުރުކޮށް ކުރިއެރުވުމަށް ކަމަށެވެ.
އެކުޅުންތެރިންނަށް އެކަން ކުރެވޭނެ ކަން ގަބުލުކޮށް އިތުބާރު ކުރާ ކަމަށާއި އަދި އެކަން ކުޅުންތެރިން ވެސް އެކަން ސާބިތުކޮށް ދެމުން ގެންދާ ކަމަށެވެ.