ޕާކިންތާނުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ޕާކިސްތާން ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމައިރަލް ރިޑަޔާޑް ސައިދް ޚަވާރް އަލީ ޝާހް އާއި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޕާކިސްތާން ސަރުކާރުގެ އެހީގައި ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގައި ޕާކިސްތާނުގައި ދިވެހި ދަރިވަރުން، މެޑިސިން އާއި ސައިކޮލަޖީ އަދި އެއާ ކްރާފްޓް އިންޖިނިއަރިން އާއި ޕައިލެޓް ސްޓަޑީސް ފަދަ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.


"ދިވެހި ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތުތައް ފަހިކޮށްދިނުން އަވަސްކޮށްދިނުމަށްޓަކައި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ތަންފީޒުކުރުމަށް ދެ ގައުމު ގުޅިގެން އިތުރު ބައްދަލުވުންތައް ކުރިއަށް ގެންދިޔުމާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި މިނިސްޓާ ވިދާޅުވީ މަސައްކަތްތެރިކަމުގެ ދާއިރާތަކުން އަދި ހާއްސަގޮތެއްގައި ދިވެހި ރާއްޖެއަށް ބޭނުންވާ ފާމަސިސްޓުން ތަމްރީނު ކުރުމުގައި ޕާކިސްތާނުން އިތުރު އެހީތެރިކަން ބޭނުންވާ ކަމަށެވެ.

"ބޭރުގެ ގައުމުތަކުން ދިވެހި ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް ލިބޭ މިފަދަ ފުރުސަތުތަކަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި އަވަސްވެ އަދި ގައުމަށް ބޭނުންވާ މަސައްކަތްތެރިން އުފެއްދުމުގައި ނުހަނު ބޭނުންތެރި ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޕާކިސްތާން ސަފީރު ދެއްކެވި ވާހަކަފުޅުގައި ކިޔެވުމުގެ އިތުރު ހަރަކާތްތަކުގައި ދެ ގައުމުގެ ދަރިވަރުން ތަޖުރިބާ ދަތުރުތައް ކުރުމަށް ހުރި ފުރުސަތުތައް ފާހަގަ ކުރެއްވި އެވެ.