25 Nov 2015, 11:10
އަންހެނުންނާ މެދު ކުރާ ތަފާތުތަކާއި އަނިޔާތައް ހުއްޓާލަން ދައުލަތުން މުޖުތަމައުއަށް ބާރުއަޅަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލް އަގުވާމީ ދުވަހުގެ މުނާއްސަ ބަތުގައި އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންހެނުންނާ ދެކޮޅަށް ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ސީޑޯ) އާ ގުޅިގެން އެ ކޮމިޓީން ގިނަ ކަންކަން އިސްލާހު ކުރުމަށް ރާއްޖެއަށް ހުށަހަޅާފައިވާ ކަމަށެެވެ.
އޭގެތެރޭގައި އަންހެނުނަށް ލިބޭ އަނިޔާތަަކަށް ރައްކާތެރިކަން ދިނުމަށް ނިޒާމެއް ގާއިމް ކުރުމަށާއި އަތޮޅުތަކުގައި ހުރި ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތައް އެދެވޭ ފެންވަރަކަށް ގެނައުމަށާއި ގެވެށި އަނިޔާގެ މައްސަލަތައް ހުށަހަޅާ ފަރާތްތަކާ މެދު ދައުލަތުގެ ބައެއް މުއައްސަސާތަކުން ދެކޭގޮތް ރަނގަޅުކުރުން ހިމެނޭ ކަމަށް އެ ބަޔާނުގައި ވެއެވެ.
ޖިންސީ ވިިޔަފާރީގައި މަސައްކަތްކުރާ އަންހެނުންގެ ދަފްތަރެއް އެކުލަވާލުމާއި އެފަރާތްތަކަށް ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމާއި މީހުން ޓްރެފިކް ކުރުމާއި ޖިންސީ ވިޔަފާރީގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ހޯދާ އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސީޑޯ ކޮމިޓީއިން ދައުލަތަށް ހުށަހަޅާފައިވާ ކޮންކުލޫޑިންގް އޮބްސަރވޭޝަންގައި ބުނެފައިވެ އެވެ.
ދައުލަތުން ކުރަންޖެހޭ ކަމަށް އެޗްއާރުސީއެމުން ފާހަގަކުރި ކަންކަން
- އަންހެނުންނަށް ކުރާ އަނިޔާއާ މެދު އާންމުން ހޭލުންތެރިކުރުވުން
- މުޖުތަމައުގައި އަންހެނުންނާމެދު ގެންގުޅޭ ރަގަޅުނޫން ވިސްނުންތައް ނައްތާލުން
- އަންހެނުންގެ ހައްގުތަކަށް އިހުތިރާމު ކުރާ ޖީލެއް ބިނާ ކުރުން
- ތައުލީމީ ނިޒާމުގެ ތެރެއިން ޖިންސީ ތަފާތުކުރުންތައް ނައްތާލުން
- ޖެންޑަރ އިކުއިލިޓީ ގާނޫނު ފާސްކުރުން
ވޭތުވެ ދިޔަ އަހަރުގެ މޭ މަހުން ފެށިގެން މިއަހަރުގެ މޭ މަހުގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް 178 މައްސަލައެއް އަންހެނުންނަށް އަނިޔާކޮށްގެން ރިޕޯޓުކޮށްފައިވާ ކަމަށް އެޗުއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް އަންހެނުންނަށް އަނިޔާކޮށްގެން އެޗްއާރުސީއެމްއަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދެއްވެސް އަދި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއްވެސް ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ. އަދި އަންހެނުނަށް ކުރާ އަނިޔާ ހުއްޓުވައި އަންހެނުން ބާރުވެރިކުރުވުމަށް އެޗުއާރުސީއެމުން ކުރި މަސައްކަތްވެސް ފާހަގަކޮށްފައެއް ނެތެވެ.
އެޗުއާރުސީއެމުން ބުނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ އަނިޔާ ހިނގުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެގެން ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެތެރޭ ފުލުހުންނަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެެވެ.
ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ގެވެށިއަނިޔާގެ 32 މައްސަލައަކާއި ޖިންސީ ގޯނާގެ 76 މައްސަލައެއް ހުށަހެޅިފައިވެ އެވެ. އަދި މި އަހަރުގެ އެ މުއްދަތުގައި ހުށަހަޅާފައި ވަނީ ގެވެށި އަނިޔާގެ 54 މައްސަލައަކާއި ޖިންސީގޯނާގެ 101 މައްސަލަ އެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅި މިންވަރު 68 ޕަސެންޓް ވަނީ އިތުރު ވެފަ އެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅި މިންވަރު 32 ޕަސެންޓް ވަނީ އިތުރުވެފައިވެ އެވެ.