25 Nov 2015, 12:53
ރާއްޖެ އަށް އާންމުކޮށް ފަތުރުވެރިން އަންނަ ގައުމުތަކުން ފަތުރުވެރިން އައުން މިހާރަކަށް އައިސް ދައްވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު ވިދާޅު ވެއްޖެ އެވެ.
ރާއްޖެ އަންނަ ފަތުރުވެރިންނަށް ދިވާމާ މައްސަލަތައް ހޯދުމަށް ކޮށްފައިވާ ސާވޭއާ ގުޅޭ ގޮތުން މަސްވަރާކުރުމަށް މިއަދު ހެނދުނު މ. ޝައިންޓްރީ ބިލްޑިންގްގައި ބޭއްވި ވޯކްޝޮޕް ހުޅުއްވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ލިރާރު ވިދާޅުވީ ރާއްޖެ އާންމުކޮށް އަންނަ ފަތުރުވެރިންގެ މާކެޓް ދައްވާ މި ދަނޑިވަޅުގައި އެއް މާކެޓަކަށް އަބަދު ފޯކަސް ނުކޮށް އެހެން މާކެޓްތަކަށް އަމާޒު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ކުރުމަށް ނިންމާފައިވާ ހަ ސާވޭގެ ތެރެއިން ފުރަތަމަ ސާވޭ ނިންމައި އެ ސާވޭ އިން ފާހަގަވި މައްސަލަތަކާ މެދު ޓޫރިޒަމް މިނިސްޓްރީ އާއި އެ ދާއިރާއާ ގުޅުން ހުރި ދާއިރާތަކާއި މަޝްވަރާކޮށް ފަތުރުވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނިމަށް މި ވޯކްޝޮޕްގެ ސަބަބުން އެހީ ވެގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
"ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން ނަމްބަރު ވަން ޓުއަރިސްޓް ޑެސްޓިނޭޝަން. އެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނީ ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ފީޑް ބެކް ލިބިގެން. އަޅުގަނޑުމެން ރަނގަޅުކުރަން ޖެހެނީ ކޮންކަންތައްތެކެއް ކަން ދެނެގަނެގެން. މި ސާވޭއިން މިފަދަ މައުލޫމާތުތަކެއް ލިބިގެން ދާނެ" ލިރާރު ވިދާޅުވި އެވެ. "މިފަދަ މައުލާމާތުތަކަށް ބިނާކޮށްގެން ކުރިއަށް އޮތް ތާންގައި ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރާނީ ކޮންގޮތެކަށްތޯ އަޅުގަނޑުމެންނަށް ނިންމޭނީ."
އޭނާ ވިދާޅުވީ އެ ސާވޭގެ ސަބަބުން ޕޮލިސީ މޭކަރުންނާއި ޑިޝިސަން މޭކަރުންނަށް ވެސް ވަރަށް މުހުންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި މިފަދަ ސަވޭތައް ކުރިއަށް އޮތް ތާންގައި ވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އެހީގައި ކުރިއަށް ގެންދާނޭ ކަމަށެވެ.