މިިނިވަން 50 އާ ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ "ފުނަ" ހަރަކާތްތަކުގެ ތެރެއިން އަތޮޅުތަކުން އެއްވަނަ އަށް އައި ހަރަކާތްތައް އިއުލާން ކޮށްފި އެވެ.

މިދިޔަ މެއި މަހު ފަށައިގެން ކުރިއަށް ގެންދިޔަ ފުނަ ހަރަކާތް ރާއްޖޭގެ 19 އަތޮޅެއްގައި ވަނީ ބާއްވައިފަ އެވެ. އެހެން ކަމުން އެއިން ކޮންމެ އަތޮޅަކުން އެއްވަނައަށް އައި ހަރަކާތެއް ވަނީ މިއަދު ހާމަކޮށްފަ އެވެ.

މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްވަނަ އަށް އައި ފަރާތްތައް އިއުލާން ކުރައްވާފައި ވަނީ ފުނަ ހަރަކާތްތައް ޖަޖު ކުރުމަށް އެކުލަވާލި ޕެނަލްގެ އިސް ޖަޖު އަބްދުލް ރައްޒާގް އަބްދުލް ރަހްމާން އެވެ.

ވަނަ ވަނައަށް އައި ހަރަކާތްތައް:
ހއ. އަތޮޅުން އެއްވަނަ އަށް ހޮވާފައި ވަނީ އުތީމުން ހުށަހަޅައިދީފައިވާ ބަނޑިޔާ ޖެހުން

ހދ. އަތޮޅުން އެއްވަނަ އަށް ހޮވާފައި ވަނީ ކުޅުދުއްފުށިން ހުށަހަޅައިދީފައިވާ "ވެދުމާ ދިޔުން"

ށ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ ފުނަދޫ ސްކޫލުގެ އަންހެން ކުދިން ހުށަހަޅައިދިން ބަަތްޕޮޅި ޑޭންސް

ނ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ މާޅެންދޫ އިން ހުށަހަޅައިދިން "ނަމުރު ކުޅިވަރު"

ރ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ އުނގޫފާރުން ހުށަހަޅައިދިން ކޯޑި ނެގުން

ބ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ ކަމަދޫ އިން ހުށަހަޅައިދިން "ހަތަރު ޕްރޮޕްސްގެ މިކްސް ޑޭންސް ބަނޑިޔާ"

ޅ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ ނައިފަރުން ހުށަހަޅައިދިން "މަލިކު ދަނޑި"

ކ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ ހުރައިން ހުށަހަޅައިދިން "ކުރު ފަލި އަދި ކުރު ދަނޑި"

އދ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ މަހިބަދޫ އިން ހުށަހަޅައިދިން "ދަނޑޫރާ ލަނގިރި"

ވ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ ފެލިދޫ އިން ހުށަހަޅައިދިން "ފިރިހެނުންގެ ތާރަ"

މ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ މުލަކުން ހުށަހަޅައިދިން "ޑްރާމާ"

ފ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ ނިލަންދޫ އިން ހުށަހަޅައިދިން "ޑޭލައިޓް ދަފި ނެގުން"

ދ. އަތޮޅުން އެއްވަނައަށް ހޮވާފައިވަނީ ދ. އަތޮޅު ތައުލީމީ މަރުކަޒުން ހުށަހަޅައިދިން "އީސަ ދަނޑި"

ތ. އަތޮޅުން އެއްވަނައަށް ހޮވާފައިވަނީ ގުރައިދޫން ހުށަހަޅައިދިން "ފިރިހެނުންގެ ބިލެތް ދަފި"

ލ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ ފޮނަދޫގައި އިންނަ އަތޮޅު ތައުލީމީ މަރުކަޒުން ހުށަހަޅައިދިން "އަންހެން ކުދިންގެ މިކްސް ޑޭންސް"

ގއ. އަތޮޅުން އެއްވަނައަށް ހޮވާފައިވަނީ ވިލިނގިލީ ޒުވާން އަންހެން ކުދިން ހުށަހަޅައިދިން "ބަނޑިޔާ ޑޭންސް"

ގދ. އަތޮޅުން އެއްވަނައަށް ހޮވާފައިވަނީ ގައްދޫ އިން ހުށަހަޅައިދިން "ތުނޑު ކުނާ ވިޔުން"

ޏ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ ހާފިޒް އަހުމަދު ސްކޫލުން ހުށަހަޅައިދިން "މިނިވަން ބަދަހި ގުޅުން"

ސ. އަތޮޅުން އެއްވަނައަށް ހޮވާފައި ވަނީ މެޖެންޓާ ބޮޑުބެރު ގުރޫޕުން ހުށަހަޅައިދިން "ދަނޑި ޖެހުމާއި ބިލެތް ދަފި ނެގުން"

"ފުނަ" ހަރަކާތްތަކުގެ ތެރެއިން އަތޮޅުތަކުން އެއްވަނައަށް އައި ހަރަކާތްތައް އިއުލާން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) ވާހަކަފުޅު ދައްކަވަނީ--- ޔޫސުފް ސޮފްވާން

ފުނަ މުބާރާތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުނަ ހަރަކާތް ކުރިއަށް ގެންގޮސްފައިވާ އިރު އަދި އެ ހަރަކާތް ކުރިއަށް ނުގެންދެވޭ އެއް އަތޮޅު ވާ ކަމަށެވެ.

"އއ. އަތޮޅުގައި އަޅުގަނޑުމެންނަށް އަދި ފުނަ ހަރަކާތް ބޭއްވިފައެއް ނުވޭ. އެހެން ކަމުން އަޅުގަނޑުމެން ހަމަ ޖައްސާފައި ވާނީ އަންނަ މަހުގެ 18 އާއި 19ގައި އެ އަތޮޅުގައި ފުނަ ހަރަކާތް ކުރިއަށް ގެންދިޔުމަށް،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަތޮޅުގައި ފުނަ ހަރަކާތް ނިންމުމަށް ފަހު އެއްވަނައަށް އައި ހަރަކާތް އިއުލާން ކުރާނެ ކަމަށެވެ.

ޖުމްލަ ހަތް ކަމެއްގެ މައްޗަށް ބަހާލައިގެން ހަރަކާތްތައް މާކުކޮށްފައިވާ އިރު ފުނަ ހަރަކާތުގައި ރާއްޖޭގެ ސަރަހައްދުތަކުން ޖުމްލަ 279 ހަރަކާތް ވަނީ ހުށަހަޅާފަ އެވެ.