އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ އަތުން ލިބުނު އުނދަގޫ މޮޅަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނިއުރޭޑިއަންޓް މެނޭޖަރު އަމީން ފައިސަލް ނޫސްވެރިންގެ ސުވާލުތަކަށް "ދޭނެ ޖަވާބެއް ނެތް ކަމަށް" އޭނާ ބުނެފި އެވެ.

މެޗަށް ފަހު ނޫސްވެރިންނަށް މެޗާ ބެހޭ ގޮތުން މައުލޫމާތު ދިނުމަކީ ފުޓްބޯޅައިގެ ޕްރޮފިޝަނަލް މުބާރަތްތަކުގެ ލީގުގައި ގަވައިދު ކަނޑައަޅާފައިވާ ކަމެކެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕޯސްޓް މެޗް ޕްރެސް ކޮންފަރެންސްތަކަކަށް ނާންނަ ޓީމުތައް ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކުރެއެވެ.

ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ކުލަބު ނިއުރޭޑިއަންޓްގެ މެނޭޖަރު ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް އޭނާ ވިދާޅުވީ "ދޭނެ ޖަވާބެއް ނެތް" ކަމަށެވެ.

ރޭގެ މެޗުގައި ނިއުގެ ބެންޗުން ޚާއްސަކޮށް އަމީން ވަނީ ރެފްރީގެ ނިންމުތަކާ ތަކުރާރުކޮށް ހިތް ހަމަނުޖޭހޭކަން ފާޅުކޮށްފަ އެވެ.

ނަމަވެސް ރެފްރީއާ މެދު ހިތް ހަމަނުޖެހުނު ސަބަބުތަކަކީ ކޮބައިތޯ ސުވާލުކުރުމުން ވެސް ޕްރެސް ކޮންފަރެންސްގައި އަމީން ވިދާޅުވީ "ދޭނެ ޖަވާބެއް ނެތް" ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ލީގު ސްޕެނިޝް ލަލީގައި ޕޯސްޓް މެޗް ޕްރެސް ކޮންފަރެންސްތަކަށް އަންނަން ޖެހޭޏީ ހެޑް ކޯޗެވެ.

ނަމަވެސް ރޭ ގެ މެޗަށް ނިއު ނުކުތީ އެ ޓީމްގެ ކޯޗް ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ސަސްޕެންޝަންގައި ހުރުމުގެ ސަބަބުން އޭނާ ނުހިމަނައެވެ.

ކަވަޒޮވިޗަށް ސަސްޕެންޝަން އައީވެސް މިދިޔަ ބުރަސްފަތި ދުވަހު ބީޖީއާ ދެކޮޅަށް ކުޅުނު މެޗްގައި ރެފްރީގެ ނިންމުންތަކާ މެދު ހިތް ހަމަނުޖެހޭކަން ދެއްކުމުން ރެފްރީ އޭނާ ބެންޗުން ފޮނުވާލުމުންނެވެ.

ކޮވަޒޮވިޗް ވަނީ މީގެ ކުރިން ޕޯސްޓް މެޗް ޕްރެސް ކޮންފަރެންސްތަކުގައި ރެފްރީންގެ ނިންމުތަކާ މެދު ހިތް ހަމަނުޖެހޭ ކަން ފާޅުކޮށްފައެވެ.