25 Nov 2015, 14:46
އެމްޑީޕީ އިން މިއަންނަ ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މިންޖުވާން" މުޒާހަރާ 73 ގަޑިއިރާއި 13 މިނެޓަށް ދިގު ދެމިގެން ދާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ހުކުރު ދުވަހު ދިގު ދެމިގެންދާ އެ މުޒާހަރާގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"މުޒާހަރާ މައިގަނޑު ގޮތެއްގައި ހިންގުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗުގައި. ނަމަވެސް އަޅުގަނޑުމެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވުމުން ހަމައެކަނި އާޓިފިޝަލް ބީޗަކު ނޫން ތިބޭނީ. ކަން މައްޗަށް ވެސް ނުކުންނާނަން،" އޭނާ ވިދާޅުވި އެވެ.
އެ މުޒާހަރާގައި އެމްޑީޕީ އިން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅަމުން ގެންދާނެ ކަމަށް އަނަސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހުށަހެޅުންތަކަކީ ދިގު ހުށަހެޅުންތަކަކަށް ނުވާނެ ކަމަށެވެ. އަދި އެ ހުށަހެޅުންތަކަކީ މުޒާހަރާ ކުރުމަށް ހަމަޖެހިފައިވާ 73 ގަޑިއިރުގެ ތެރޭގައި ފުއްދައި ދެވޭ ވަރުގެ ހުށަހެޅުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުމަށް ސަރުކާރުން އިޖާބަ ދިނުމަށް ވަގުތު ވެސް ދޭނަން. މިފަދަ ހުށަހެޅުންތަކެއް ހުށަހަޅަން މިޖެހެނީ ސަރުކާރުގެ ކަންތައް ބޮއްސުންލައި ރައްޔިތުންނަށް ގެއްލުންތަކެއް ލިބެމުންދާތީ،" އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުޒާހަރާގައި އެމްޑީޕީގެ އިސްމަގާމުތަކުގެ މެމްބަރުން ބައިވެރިވެ ޝުއޫރު ފާޅު ކުރާނެ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅުވައިގެން ފަސްކުރި މުޒާހަރާ ހުކުރު ދުވަހު ބާއްވާ އިރު އެ މުޒާހަރާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާ އެކެވެ. އެމްޑީޕީން ބުނެފައި ވަނީ ނަޝީދު ޖަލުގައި ބަންދުކޮށްފައި ވަނީ ބޭއިންސާފުން ހިފާ ހައްޔަރުކޮށް، ނުހައްގު ދައުވާއެއް އުފުލައިގެން ކަމަށެވެ. އަދި އެމަނިކުފާނު 13 އަހަރަށް ޖަލަށް ލާފައި ވަނީ ނުހައްގު ޝަރީއަތެއްކޮށް ނުހައްގު ހުކުމެއްކޮށްގެން ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ނަޝީދު ޖަލުން މިނިވަން ކުރުމަށް ބޭރުގެ ފަރާތްތަކުން ގޮވަމުންދާއިރު ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ ދުނިޔެ އާއި ޗެލަންޖް ކުރަމުން ކަމަށާއި އެ ޗެލަންޖް ތަކަށް ޖާގަ ދޭން ބޭނުން ނުވާ ކަމަށެވެ.