ލައިސެންސަކާ ނުލައި ޓެލެކޮމްގެ ހިދުމަތްދޭ ކުންފުނިތައް ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލު ފާސްކުރަން ވޯޓު ދެއްވީ 54 މެމްބަރުން ނެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ލައިސެންސް ނެތި ޓެލެކޮމް ހިދުމަތް ފޯރުކޮށްދީ އެފަދައިން ރޭޑިއޯ މުވާސަލާތުގެ ތަކެތި އަތުގައި ހުއްދައެއް ނެތި ބަހައްޓާ ފަރާތަކަށް ފަސް މިލިއަނަށް ވުރެ ގިނަ ނުވާނޭ ގޮތަށް ޖޫރިމަނާ ވާނެ ކަމަށެވެ. އަދި އެކަމާ ހިލާފުވުމަށް ފަހު ހިނގާ ކޮންމެ ދުވަހަކަށް އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ އަދަދަކުން ޖޫރިމަނާވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ފަލާހު ހުށަހެޅި ބިލުގައި ބުނާ ގޮތުން ލައިސެންސެއް ނެތި ނެޓުވޯކު ކުރުމަށް ބޭނުންވާ ސާމާނު ބެހެއްޓުމުގެ އިތުރުން އެފަދަ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.

އޭނާގެ ބިލުގައި ބުނާ ގޮތުގައި ޓެލެކޮމްގެ ލައިސެންސް ދޫކުރާ އޮތޯރިޓީން އެ ލައިސެންސް ދޫކުރާ އިރު ދެވަތަރެއްގެ ލައިސެންސް ދޫކުރާނެ އެވެ. އެއީ އިންޑިވިޖުއަލް ލައިސެންސާއި ކްލާސް ލައިސެންސެވެ.

އިންޑިވިޖުއަލް ލައިސެންސަށް އެ ފަރާތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއް އެއް މިލިއަން ދިވެހި ރުފިޔާ އިން ޖުރިމަނާ ވާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފަ އެވެ. އަދި ލައިސެންސްގެ ގަވާއިދުތަކާ ހިލާފުވާ ފަރާތުން ވެސް ހަމަ އެ އަދަދުން ޖޫރިމަނާވާނެ އެވެ.

ލައިސެންސްދޭ އޮތޯރިޓީގެ ސުލޫކީ މިންގަނޑުތަކާ ހިލާފު ވެއްޖެ ނަމަ އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.

އެ ބިލު ހުށަހެޅުމުގެ މަގުސަދެއް ކަމަށް ފަލާހު ވިދާޅުވީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އާ ގުޅުން ހުރި ހުރިހާ ކަމެއް ރާވައި ހިންގާނެ ގޮއްތަކެއް ކަނޑައެޅުމަށް ކަމަށެވެ. އަދި ޓެލެކޮމްގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސެންސް ދޫކުރާނެ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ބިލު ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ބިލު ވެސް މަޖިލީހުން ފާސްކުރީ 54 މެމްބަރުންގެ ވޯޓުން ނެވެ.