ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް ރާއްޖެެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން މަނާކުރާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލު އެގޮތަށް ފާސްކުރަން ފެންނަ ކަމަށް 49 މެމްބަރުން ވޯޓު ދެއްވި އެވެ. ބިލާ ދެކޮޅަށް 14 މެމްބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި ހިތްވަރުދިނުން ނުވަތަ އެފަދަ ކަމެއް ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަވަޅު އެޅުމަށް ގޮވާލުން ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ޓަކައި ވަކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށެވެ. ހަމައެއާ އެކު ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި އެކަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުވަތަ ގޮވާލުމަށް ތާއީދުކުރުމަކީ ނުވަތަ އެފަދަ ގޮވާލުމެއް އެންޑޯޒު ކުރުމަކީ ވެސް ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ އެފަދަ ކުށެއްގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކޮންމެ ފަރާތަކުން އެކަމެއް ކުރި ފަރާތުގެ މައްޗަށް މަދަނީ ދައުވާ ކުރެވިދާނެ ކަމަށެވެ.

ކޮމެޓީ މަރުހަލާގައި އެ ބިލް ދިރާސާ ކުރިއިރު ބިލް ހުށަހެޅިއިރު އޮތް ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ. އެގޮތުން ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލާ ފަރާތަކުން އެކަމުގައި ބައިވެރިވި މިންވަރަކަށް ބަލައި އެފަދަ ފަރާތެއް ދެ އަހަރާއި 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ނުވަތަ ގޭ ބަންދު ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވާ މާއްދާ ވަނީ އުނިކޮށްފަ އެވެ.