25 Nov 2015, 17:14
ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޕީއެސްވީއާ ދެކޮޅަށް ކުޅޭ މެޗަށް ކެޕްޓަން ރޫނީ ފިޓް ނަމަވެސް ފުރަތަމަ އެގާރައިން އޭނާ ނުފެނިދާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ލުއިސް ވެން ހާލް ބުނެފި އެވެ.
ޔުނައިޓެޑް އެންމެ ފަހުން ވެޓްފޯޑް އަތުން 2-1 އިން މޮޅުވި މެޗުގައި އަނިޔާގެ ސަބަބުން ރޫނީ ކުޅެފައި ނުވާއިރު، ރޫނީ ވަނީ އަލުން ޔުނައިޓެޑްގެ ފަރިތަ ކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ވެންހާލް ބުނީ ރޫނީ ފިޓުވި ނަމަވެސް، "އޮޓެމެޓިކުން" އޭނާއަށް ވެސް ފުރަތަމަ އެގާރާއިން ޖާގައެއް ނުލިބޭނެ ކަމަށާއި ފަރިތަކުރުންތަކުގައި ފިޓުވެފައިވާ މިންވަރު ކުޅުންތެރިން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.
"ފިޓުވި މިންވަރެއް ފަރިތަކުރުންތަކުގަ ސާބިތުކޮށްދޭން ޖެހޭނެ. އެއަށްފަހު އެހެން ކުޅުންތެރިންނާ އަޅާކިޔުމަށްފަހު، ފުރަތަމަ އެގާރާ މި ނަގަނީ. މިއީ ހަމަ ކޮންމެ މެޗަކަށް ވެސް ކަންތައްތަށް ކުރާ އުސޫލު،" ވެންހާލް ބުންޏެވެ.
އަނިޔާގެ ސަބަބުން ވެޓްފޯޑް މެޗު ގެއްލުނު މިޑްފީލްޑަރު މަރުއާން ފެލައިނީ އާއި ފޯވާޑް އެންތަނީ މާޝިއަލް މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ވެން ހާލް ބުންޏެވެ.
މިރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ދެވަނަ ބުރަށް ދެވޭއިރު، އެ ޓީމު މިވަގުތު އޮތީ ގްރޫޕް ބީގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކީގަ އެވެ. ޕީއެސްވީ އޮތީ ހަ ޕޮއިންޓާއެކީ، ގްރޫޕްގެ ދެ ވަނައިގަ އެވެ.
ޔުނައިޓެޑާއި ޕީއެސްވީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 00:45 ގަ އެވެ.