26 Nov 2015, 13:29
މެނީލާ (ނޮވެމްބަރ 26) : ފިލިޕީންސްގެ ވެރިރަށް މެނީލާގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން 800 ވަރަކަށްގެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވުމުގެ ސަބަބުން އެ ގައުމުގެ އެތައް ހާސް މީހުން ގެދޮރުނެތި ހާލުގައި ޖެހިއްޖެ އެވެ.
އަލިފާނުގެ ހާދިސާގައި މީހަކު މަރުވެފައިވާ ކަން އަދި ޔަގީން ނުކުރެވެ އެވެ. ނަމަވެސް ހަތަރު މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.
އަލިފާން ރޯވެފައި ވަނީ މެނީލާގެ ފަގީރު ސަރަހައްދެއްގައި ކަމަށް ވުމުން ގިނަ ގެތަކަކީ ވަރުދެރަކޮށް ހަދާފައި ހުރި ގެތަކެވެ. އެހެން ކަމުން އަލިފާންގަނޑު ފެތުރެން މާގިނަ އިރެއް ނުނަގަ އެވެ.
އަލިފާންނިއްވުމުގައި ކަމާ ބެހޭ ފަރާތްތަކުގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.
އަލިފާން ނިންވުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗީފް ފަޔާ މާޝަލް ނަހުމް ވިޓަރޯސާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގެ މަގުތައް ކުދިކަމުން އަލިފާން ނިއްވުމުގެ މަސައްކަތަށް ވަނީ ހުރަސްއެޅިފަ އެވެ. އަދި ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރެމުން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލިފާން ރޯވާން ދިމާވި ސަބަބު މެނީލާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. ވިޓަރޯސާ ލަފާ ކުރައްވާ ގޮތުގައި ހާދިސާ ހިނގާފައި ވަނީ ކަރަންޓް މައްސަލައެއްގެ ސަބަބުންނެވެ.
ގެދޮރު ނެތިފައިވާ އާއިލާތަކަށް ވަގުތީ ގޮތުން އުޅޭނެ ގެތައް ސަރުކާރުން ހޯދަމުންދާ އިރު، މިހާރު އެމީހުން ތިބެން ޖެހިފައި ވަނީ ޓެންޓުތައް ޖަހާފައި ތިބި ޕާކަކާއި ޖިމަކާއި ސްކޫލެއްގަ އެވެ.