26 Nov 2015, 14:37
މިންޖުވާން ނަމުގައި އެމްޑީޕީއިން މާދަމާ ބާއްވާ އެއްވުމުގައި މަގުމައްޗަށް ނުނިކުމެވޭނެ ކަމަށް ފުލުހުން އެމްޑީޕީއަށް އަންގައިފި އެވެ.
އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ މާދަމާ ރޭ 12:00 ޖަހަން ދެން ކުރިއަށް ގެންދެވޭނެ ކަމަށް އެންގީ ލިބުނު މައުލޫމާތާއި ހާލަތު ބަދަލުވުމުން ކަމަށެވެ. ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއް ހަމްދޫން ވިދާޅެއް ނުވެ އެވެ.
މުޒާހަރާ ކުރަން މަގުމައްޗަށް ނުނިކުމެވޭނެކަން ކަނޑައަޅައި އެމްޑީޕީއަށް އެކަން އަންގާފައިވާ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދެވޭނީ އާޓިފިޝަލް ބީޗުގައި ކަމަށް ހަމްދޫން ވިދާޅުވި އެވެ.
"ސުލްހަވެރިކަމާއެކު އެއްވުމަށްޓަކައި އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދާ ހަރަކާތް ކުރިއަށް ގެންދެވިދާނެ، ނަމަވެސް މަގުމައްޗަށް ނުކުމެ މަގުމަތީ ސަރަހައްދުތަކުގައި މި އެއްވުން ކުރިއަށް ނުގެންދެވޭނެކަން..." ހަމްދޫން ވިދާޅުވިއެވެ.
މުޒާހަރާކުރަން މަގުމައްޗަށް ނުނިކުމެވޭނެ ކަމުގެ ސަބަބެއް ކަމަށް ހަމްދޫން ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބުނެފައިވާ އެހެން ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ފުލުހުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި އެމްޑީޕީން ވަނީ ސުލްހަވެރިކަމާއެކު އެއްވުން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށާއި އެގޮތުގެ މަތިން އެއްވުން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާކަމަށް ވެސް ހަމްދޫން ވިދާޅުވިއެވެ.
މުޒާހަރާއާ ގުޅޭ ގޮތުން މީޑިއާއިން ގެނެސްދޭ ހަބަރުތައް ހަގީގަތާއި އެއްގޮތަށް ގެނެސްދިނުމަށް އިލްތިމާސްކުރާ ކަމަށާއި ހަގީގަތާއި ހިލާފަށް މައުލޫމާތު ފަތުރާ މީޑިއާތަކާއިމެދު އަޅަންޖެހޭ ފިޔަވަޅެއް ވަގުތުން އަޅާނެ ކަމަށް ވެސް ހަމްދޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާދަމާ އާޓީފިޝަލް ބީޗް ވާނީ އާންމު ފަރާތަތަކަށް ބަންދު ކުރެވިފައި ކަމަށާއި މާދަމާ އެ ސަރަހައްދަށް ވަދެވޭނީ އެއްވުމަށް ދާ ފަރާތްތަކަށް އެކަނި ކަމަށެވެ.