26 Nov 2015, 15:57
ޒުވާނުންތަކެއް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ސޮއިކޮށްފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ޔޫތު ލީގުގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާނުންތަކެއް އެމްޑީއޭ އަށް ސޮއި ކޮށްފައި ވަނީ އިއްޔެ ސަން ޓްރެވެލްސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އިއްޔެ ސޮއިކުރި ޒުވާނުންތައް ފޯމު ހަވާލުކޮށްފައި ވަނީ ޔޫތު ލީގުގެ ރައީސް ރީހާނާއި އެޕާޓީގެ ކައުންސިލް މެމްބަރު ހުސައިން ސާލިމާ އެވެ.
ރީހާން ވިދާޅުވީ އެމްޑީއޭ އަކީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ. އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު މަސައްކަތް ކުރައްވަމުން ގެންދަނީ ޒުވާނުންނަށް ޓަކައި ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރަކީ ޒުވާނުންގެ ސަރުކާރެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަކީ ޒުވާނުންގެ އިހުސާސްތައް ދެނެގަންނަ، ޒުވާނުންގެ ލީޑަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.