އާ ވައްތަރެއްގެ ވަޔާލެސް އިންޓަނެޓް ޓެކްނޮލޮޖީއެއް ކަމަށްވާ "ލައިޓް ފިޑޭލިޓީ" ނުވަތަ "ލައިފައި" އަކީ އާންމުން މިހާރު ބޭނުން ކުރަމުން އަންނަ ވައިފައި ކަނެކްޝަން އަށް ވުރެ 100 ގުނަ އަވަސް ޓެކްނޮލޮޖީއެއް ކަމަށް ރިސާޗަރުން ބުނެފި އެވެ.

ރިސާޗަރުން ބުނެފައި ވަނީ އެ ޓެކްނޮލޮޖީ ބައެއް އޮފީސްތަކުގައި އިމްޕްލިމެންޓްކޮށްގެން ޓުރައިލް ޓެސްޓުތަކެއް ކުރަމުންދާ ކަމަށެވެ.

ލައިފައި ކަނެކްޝަން އިން އެއް ސިކުންތުގެ ތެރޭގައި އެއް ޖީބީއާ ހަމައަށް (1GBPS) ޑޭޓާ ފޮނުވޭނެ ކަން ވަނީ މިހާރު ވަނީ ކަށަވަރު ވެފަ އެވެ.

އެފަދަ ސްޕީޑެއްގެ އިންޓަނެޓް ކަނެކްޓިވިޓީ ބޭނުން ކުރަން ފެށުމުން ބޮޑެތި ގޭމް އާއި ހައި ޑެފިނިޝަންގެ ފިލްމުގެ އިތުރުން އަލްބަމްތައް ވެސް ސިކުންތު ކޮޅެއްގެ ތެރޭގައި ޑައުންލޯޑް ކޮށްލެވޭނެ އެވެ. މާނައަކީ "އިންޓަނެޓް އިންޓެންސިވް" މަސައްކަތް ކުޑަ ވަގުތުކޮޅެއްގައި ކޮށްލެވުމެވެ.

އިންޓަނެޓް ސްޕީޑް އަކީ ޑޭޓާ ޓްރާންސްމިޓް ކުރާ ގޮތުން ބަދަލުވާ އެއްޗެކެވެ. ލައިފައި ބޭނުން ކުރަނީ ވިޒިބަލް ލައިޓް ކޮމިއުނިކޭޝަން (ވީއެލްސީ) އެވެ. ވީއެލްސީ އިން ނެޓްވޯކުތަކުގެ މެދުގައި ޑޭޓާ ޓްރާންސްމިޓް ކުރުމަށް ބޭނުން ކުރަނީ އެލްއީޑީ ލައިޓްސް އެވެ.

ނަމަވެސް ލައިފައިގައި ބޮޑު ލިމިޓޭޝަންއެއް ހުންނާނެ ކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ. ލައިފައި މަސައްކަތް ކުރަނީ ވިޒިބަލް ލައިޓް ބޭނުންކޮށްގެނެވެ. އެހެން ކަމުން ފާރު ހުރަސްކޮށެއް ލައިފައި ކަނެކްޝަނެއް ނުދާނެ އެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ލައިފައި ނެޓްވޯކް "މާބޮޑަށް" ރައްކާތެރިވާނެ ކަމަށް ވެސް ރިސާޗަރުން ވަނީ ބުނެފަ އެވެ.

އެޑިންބާގް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ހަރާލްޑް ހާސް އުފެއްދި އެ ޓެކްނޮލޮޖީ ފުރަތަމަ ތައާރަފުކޮށްފައި ވަނީ 2011 ގަ އެވެ. ނަމަވެސް އާންމު މާހައުލެއްގައި ލައިފައި ބޭނުން ކުރަން ފެށި މިއީ ފުރަތަމަ ފަހަރެވެ.