26 Nov 2015, 22:16
ހދ. ކުޅުދުއްފުށި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ސިނގިރޭޓް ފޮށިތަކެއް ވަގަށް ނަގައިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ފެނިފައި ވަނީ ކުޅުދުއްފުށި ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދަނިކޮށް ފިހާރައެއްގެ ބިއްލޫރި ގަނޑުތަޅާލައިގެން ވައްކަންކުރުމަށް މަސައްކަތްކުރަމުންދަނިކޮށް ކަމަށެވެ. އަދި އޭނާ އަށް ފުލުހުން ފެނުމާ އެކު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުުލުހުން ވަނީ ބުނެފަ އެވެ.
އޭނާ ދިރިއުޅެމުންދާ ގެކައިރިން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދަމު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ބިއްލޫރިގަނޑު ތަޅާލައި އަތް ލައްވައިގެން ވައްކަންކުރަން މަސައްކަތްކުރަނިކޮށް އޭނާގެ އަތް ޒަޙަމްވެފައިވާ އިރު އޭނާ އަށް ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައި ކަމަށެވެ.
އެމީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީ އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ޖަހައިފަ އެވެ.