27 Nov 2015, 09:45
ޓޫރިޒަމް ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ބަނޑޮސް މޯލްޑިވްސް ރިސޯޓުން ފަށައިފިއެވެ.
"ބަނޑޮސް އެޕަރެންޓިޝިޕް" ގެ ނަމުގައި ހިންގާ އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ސްވިޒަލޭންޑްގެ ކުންފުންޏެއް ކަމަށްވާ ސްވިސް އެސްއެޗްއެމް އެލް އާ ގުޅިގެން ނެވެ. އެ ޕްރޮގްރާމްގައި ތަމްރީނުވާ ކުދިންނަށް ސްވިޒަލޭންޑްގެ ސެޓްފިކެޓެއް ލިބޭނެ ކަމަށް ބަނޑޮހުން ބުންޏެވެ.
"ބަނޑޮސް އެޕަރެންޓިޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު. ސަން ފޮޓޯ: ފަޔާޒް މޫސާ
ބަނޑޮހުގެ ލާނިން އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމަންޓްގެ ހެޑް ޙަސަން ސަޢީދު ވިދާޅުވީ ބަނޑޮސް އެޕަރެންޓިޝިޕް ޕްރޮގްރާމްގައި ރިސޯޓްގެ ބައެއް މުވައްޒަފުން ހިމެނޭ ގޮތުން ޖުމްލަ 23 ޒުވާނުން ބައިވެރިވި ކަމަށެވެ. އެގޮތުން ބައިވެރިވި 23 ކުދިންނަކީ ރާއްޖޭގެ އަށް އަތޮޅަކުން ބައިވެރިވި ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.
"...ކުދިން ހޮވަން އަޅުގަނޑުމެން އިއުލާންކޮށްފައި، ހަމަ ރަށް ރަށް މިދިޔައީ. ދެން މިފަހަރު އަޅުގަނޑުމެން މިދިޔައީ އަށް އަތޮޅަކަށް. ދެން އިރާދަކުރެއްވިއްޔާ އަންނަ އަހަރު، މިއަހަރު ނުދެވޭ އަތޮޅުތަކަށް ދާނަން،" ޙަސަން ވިދާޅުވިއެވެ.
އެޕްރޮގްރާމްގައި ބައިވެރިވި ކުދިން ތަމްރީނު ވާނީ ބަނޑޮހުގައި މަސައްކަތް ކުރުމުގެ ތެރެއިންނެވެ. ނަމަވެސް އެތަމްރީނުތައް ކުރިއަށް ދާނީ ސްވިސް އެސްއެޗްއެމްއެލް އިން ކަނޑައަޅާ މިންގަނޑުތަކަކާ އެއްގޮތަށެވެ.
ބަނޑޮސް އެޕަރެންޓިސް ޝިޕް ޕްރޮފްރާމް ރަސްމީކޮށް ލޯންޗް ކުރީ އެކަމަށްޓަކައި އެރިސޯޓްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. ބަންޑޮސް އެޕަރެންޓިޝިޕްގެ ބައިވެރިންނަށް އެކަމުގެ ލިއުން ހަވާލުކޮށްދެއްވީ އެކަމަނާއެވެ.