28 Nov 2015, 13:00
ވޮޝިންޓަން (ނޮވެމްބަރ 28):ސައުދި އަރަބިއާ އިން އިސްވެއޮވެ، އަރަބި ކޯލިޝަނުން ޔަމަނަށް ދޭ ގިނަ ހަމަލާތައް ދީފައިވަނީ ހަނގުރާމައިގެ ގަވާއިދުތަކާއި ޚިލާފަށް ކަމަށާއި، އޭގެ ސަބަބުން ގިނަ އަދަދެއްގެ އާއްމުން މަރުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން އިއްޔެ ބުނެފި އެވެ.
ހަނގުރާމައިގެ ގަވާއިދުތަކާ ޚިލާފަށް އަރަބި ކޯލިޝަނުން ދީފައިވާ ކަމަށް ބެލެވޭ ދިހަ ހަމަލާއެއް ހިއުމަން ރައިޓްސް ވޮޗުން ނެރުނު ރިޕޯޓެއްގައި ލިސްޓުކޮށްފައިވެ އެވެ. އެ ޖަމާއަތުން ލަފާކުރާ ގޮތުގައި މާޗް މަހު ސައުދި އަރަބިއާ އިން ކޯލިޝަން އުފެއްދުމަށް ފަހު ދިން ހަމަލާތަކުގައި ޔަމަނުގެ 2،500 އާއްމުން ވަނީ ޝަހީދު ކޮށްލާފަ އެވެ.
ޔަމަނުގެ ކުރީގެ ސަރުކާރާ ގުޅިގެން އަރަބި ކޯލިޝަނުން ހަނގުރާމަ ކުރަމުން ދަނީ ޔަމަނަށް ވެރިވެގެން އުޅޭ ހޫޘީންނާ ދެކޮޅަށެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާ ތަކުން މީގެ ކުރިން ސައުދި އަރަބިއާ އާ ދެކޮޅަށް ކޮށްފައިވާ އެފަދަ ތުހުމަތުތައް ސައުދި އަރަބިއާ އިން ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް ހިއުމަން ރައިޓްސް ވޮޗުން މިފަހަރު ނެރުނު ރިޕޯޓުގައި މަންޒަރު ދުށް ގިނަ ބައެއްގެ ބަޔާންތައް ހިމަނާފައިވެ އެވެ.
ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ހަމަލާތަކުގައި 309 ކުށެއްނެތް އާއްމުން މަރުވެފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އަދި 414 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
"އެ ހަމަލާތައް ދިން އިރު އަސްކަރިއްޔާގެ އަމާޒަކަށް ވާންޖެހޭ އެއްވެސް ފަރާތެއް ނުވަތަ އަސްކަރީ އަމާޒެއްގެ ގޮތުގައި ލަފާކުރެވޭނެ އެއްވެސް ފަރާތެއް ނޫނީ ތަނެއް އެ ސަރަހައްދުތަކުގައި ހުރި ކަމުގެ އެއްވެސް ހެއްކެއް މި ޖަމްއިއްޔާއަށް ލިބިފައި ނެތް،" ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައިވެ އެވެ.
ގަވާއިދާ ޚިލާފަށް ދީފައިވާ ކަމަށް ބެލެވޭ ހަމަލާތައް ދީފައިވަނީ ޔަމަނުގެ އަވަށްތަކުގެ އާއްމުންގެ ގެދޮރަށާއި، މާރުކޭޓުތަކަށާއި، ކާރުހާނާއަކަށާއި، ޖަލަކަށެވެ.
ޔަމަނުގެ މަދަނީ ހަނގުރާމައިގައި އެމެރިކާއިން އަމަލީ ގޮތުން ބައިވެރި ނުވިކަމުގައި ވިޔަސް، އެމެރިކާއިން ދަނީ ހަތިޔާރު ފޯރުކޮށްދިނުމުގައި އަރަބި ކޯލިޝަންއަށް އެހީތެރި ވަމުންނެވެ.
އެރިޕޯޓާ ގުޅިގެން އެމެރިކާގެ ސްޓޭޓެ ޑިޕާންޓްމެންޓުގެ ތަރުޖަމާނަކު ވިދާޅުވީ "ހަމަނުޖެހުންތަކުގައި އާއްމުން މަރުވުމަކީ ވަރަށް ހިތާމަވެރި ކަމެއް" ކަމަށެވެ. އަދި ހަނގުރާމަ ފަށާފައި ވަނީ ހޫޘީން ކަމުން އާއްމުން މަރުވުމުގެ ޒިންމާ ނަގަން ޖެހޭނީ ހޫޘީން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތިރުން، ޔަމަނު ހަނގުރާމައިގައި އަރަބި ކޯލިޝަންގެ ހަމަލާތަކުގެ ސަބަބުން އާއްމުން މަރުވެފައިވާ ނަމަ އެކަން ތަހުގީގު ކުރުމަށް ސައުދި އަރަބިއާ އަށް އެމެރިކާއިން ގޮވާލާފައި ވާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ވޮޗުން ވަނީ އެޖަމާއަތުން ކުރާ ތުހުމަތުތައް ތަހުގީގު ކޮށްދިނުމަށާއި، ހަނގުރާމައިގެ ގަވާއިދުތައް، ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކަށް ހަނދާން ކޮށްދިނުމަށް ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި އެދިފަ އެވެ.
މައުލޫމާތު: އޭއެފްޕީ