29 Nov 2015, 23:50
ސަރުކާރުގެ މަތީ ތައުލީމުގެ ސިޔާސަތުގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމަށް ދިވެހި 281 ދަރިވަރަކަށް ލޯނުގެ އެހީ ދީފި އެވެ.
އަހަރަކު 1000 ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ނިންމަވާފަ އެވެ. އެގޮތުން ލޯނު އެހީ ދިނުމަށް މިބުރުގައި ހުޅުވާލި ފުރުސަތުތަކުގެ ޖުމްލައަކީ 635 އެވެ. އަދި ލޯނު އެހީއަށް އެދި 453 ދަރިވަރުން ހުށަހެޅި އިރު، 281 ދަރިވަރަކު ވަނީ ލޯނަށް ހޮވިފަ އެވެ.
މަތީ ތައުލީމުގެ ލޯނު ހަވާލުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު
އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދަރިވަރުންނަށް ވަނީ ލޯނު ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން އަށް ހޮވުނު ތިން ދަރިވަރަކާއި ޕައިލަޓް ދާއިރާއިން ކިޔެވުމަށް 10 ދަރިވަރަކާއި އެމްބީބީއެސް އިން 20 ދަރިވަރަކާއި އެކައުންޓިންގެ ދާއިރާއިން ޑިގްރީ ކިޔެވުމަށް 15 ދަރިވަރަކާއި މާސްޓާސް ކިޔަވަން ލޯނު ލިބުނު ހަތް ދަރިވަރަކަށް މިރޭ ވަނީ ސްޓޭޖް މަތީގައި ލޯނުގެ ލިޔުން ހަވާލުކޮށްފަ އެވެ.
އެ ދަރިވަރުންނަށް ލޯނު ލިބުނުކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމެވެ.
މިރޭގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަލީ ނަސީރު
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ސަރުކާރުގެ މަތީ ތައުލީމުގެ ސިޔާސަތުގެ ދަށުން ދުވަހަކަށް ފަހު ދުވަހެއް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރު ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 2892 މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ލޯނު ލިބުނު ހުރިހާ ކުދިންނަށް ވެސް އެ ލޯނުގެ ބޭނުން ރަނގަޅަށް ހިފައި، ގައުމަށް ވަފާތެރި އަދި މަސައްކަތްތެރި ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މަތީ ތައުލީމަށް ރައީސް ޔާމީން ދެއްވާ އަހައްމިއްޔަތައްޓަކައި އެމަނިކުފާނަށް މިނިސްޓަރު ޝުކުރުއަދާކުރެއްވި އެވެ.
ބޭންކު މެދުވެރިކޮށް ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ އެ ލޯން ސްކީމްގެ ދަށުން ލޯނު ލިބޭ ދަރިވަރުން މަދުވެގެން އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި ލޯނު ބޭނުންކުރަން ފަށަން ޖެހެއެވެ.