30 Nov 2015, 19:46
ދިވެހިން އުފައްދާފައިވާ ތަކެތި އެއްތާކުން ދައްކާލުމަށް ބާއްވަމުން އަންނަ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ނުވަތަ އެކްސްޕޯ މޯލްޑިވްސް 2015 ގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ މެންދުރު ފަހު 2:00 ގައި ހަމަވާނެ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ މެންދުރު ފަހު 2:00 އަށް ހަމަވިޔަސް، ތަކެތި ބައިވެރިކުރާ މުއްދަތު ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މައުރަޒުގައި ބަހައްޓާ ތަކެއްޗަކީ އެތަނުގައި ވިއްކުމުގެ ފުރުސަތު ވެސް އޮތް ތަކެތިކަމަށް ވާތީ އެކަމާ ގުޅިގެން އަބްދުﷲ ވިދާޅުވީ ތަކެތި ހުށަހަޅާއިރު ބައެއް ފަރާތްތަކުން އެ އުފެއްދުމެއްގެ އަގު ނުޖަހާ ހުރުމަކީ މައްސަލައެއް ކަމަށާއި، އަގު ޖެހުމަށްފަހު ހުރިހާ ތަކެތިވެސް ހުށަހަޅަން ހަނދާންކޮށްދޭ ކަމަށެވެ.
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ބާއްވަން ހަމަޖައްސާފައި ވަނީ ޑިސެމްބަރު މަހުގެ 22 އިން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ.