"މިންޖުވާން" މުޒާހަރާ މިއަދު ހަވީރު ނިންމާލީ ސަރުކާރަށް ކުރާ ޑިމާންޑުތައް ތަކުރާރު ކުރަމުންނެވެ. އެ ތިން ޑިމާންޑާ ގުޅޭ ގޮތުން ވަކިވަކި ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތުން" މިނިވަން ކުރުމަށް ގޮވާލި ޑިމާންޑާ ގުޅޭ ގޮތުން އާޓްފިޝަލް ބީޗުގައި އަޑުއުފުއްލަވައި ވާހަކަފުޅު ދެއްކެވީ އެމްޑީޕީ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މިންޖުވާން ނަމުގައި އެމްޑީޕީން ތިން ދުވަހަށް ކުރިއަށްގެންދިޔަ މުޒާހަރާ ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަންނެވުމަކީ ހަމައެކަނި ހައްލު ކަމަށެވެ. އަސްލަމް ވަނީ އެހެންމަގެއް އިހުތިޔާރު ކުރަން މަޖުބޫރު ނުކުރުމަށް ގޮވާލައްވާފަ އެވެ.

"މަޝްވަރާގެ އުސޫލުން ކަންކަން ނުކުރީމަ ދެން ކޮން މަގަކަށްތޯ ކަންކަން ދާނީ؟ މަޝްވަރާގެ އުސޫލުން ކަންކަން ނުކުރީމަ ދެން ދާން އޮތް މަގަށް ދާން އަޅުގަނޑުމެންގެ އެއްވެސް މީހަކު ހިތުން ރުހުމުން ބޭނުމެއް ނުވޭ، މަޖުބޫރު ނުކުރައްވާތި، މިގައުމުގެ ރައްޔިތުން، މިގައުމު ދެކެ ލޯބިވާ މި ގައުމުގެ ރައްޔިތުން އެހެން މަގެއް އިހްތިޔާރު ކުރުން މަޖުބޫރު ނުކުރައްވާތި. މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގަންނަވާ، އެއީ ހަމައެކަނި އޮތް ހައްލަކީ،" އަސްލަމް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު ފެށިގެން މެދުނުކެނޑި 73 ގަޑިއިރާއި 13 މިނެޓަށް ކުރިއަށް ގެންދާނެ ކަމަށް ބުނެ އެމްޑީޕީން ފެށި މުޒާހަރާ މިއަދު ނިންމާލާފައިވާއިރު އާންމުކޮށް މުޒާހަރާގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އެ ތިން ދުވަހުގެ ހަވީރާއި ރޭގަނޑު ވަގުތުތަކުގައި ޖަލްސާއެއްގެ ގޮތަށެވެ. އެއީ ވެސް އާޓީފިޝަލް ބީޗުގަ އެވެ. އާޓިފިޝަލް ބީޗުން މަގުތަކަށް ނުކުންނަން އުޅޭ ކޮންމެ ފަހަރަކު ފުލުހުން ވަނީ މުޒާހަރާ ބައިބައިކޮށްލާފަ އެވެ.

އެމްޑީޕީއިން ފެށި މުޒާހަރާގައި ސަރުކާރަށް ވަނީ ތިން ޑިމާންޑެއް ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް ނަޝީދު ވަގުތުން މިނިވަން ކުރުމަށާއި ޝެއިހް އިމްރާނާއި ނާޒިމާއި "ސިޔާސީ ގޮތުން" 1700 މީހުނަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސް، އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އާއި ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށާއި ގާނޫނީ އިމުން ބޭރުން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ނުދިނުމެވެ. ހަމައެހެންމެ ޝަރުއީ ނިޒާމް އިސްލާހުކޮށް، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް އެމްޑީޕީން ސަރުކާރަށް ޑިމާންޑްކޮށްފައިވެއެވެ.

އެޑިމާންޑްތައް އެމްޑީޕީން ވަނީ ރައީސް އޮފީހަށް މެއިލްކޮށް، އަދި ފެކްސް ވެސްކޮށްފަ އެވެ. އެ ޑިމާންޑްތަކާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެމްޑީޕީން ޑިމާޑު ކުރިއަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ނުކުރާނެ ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ދޫކޮށްލުމަށް ކުރި ޑިމާންޑާ ބެހޭ ގޮތުން އުމަރު ވިދާޅުވީ އެބޭފުޅުންގެ ޝަރީއަތް ދަނީ ހިނގަމުން ކަމަށެވެ. އެހެންކަމުން އެ ޝަރީއަތްތަކާ ސަރުކާރުން ނުބެހޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅޭގޮތުން ހޯމް މިނިސްޓަރު ވިދާޅުވީ ތަހުގީގީ އިދާރާތަކުން ދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުން ކަމަށެވެ.

މަޝްވަރާކުރުމަށް ކޮށްފައިވާ ޑިމާންޑާ ގުޅޭގޮތުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާ ކަމަށެވެ. އުމަރު ވިދާޅުވީ ކުރިން ވެސް އޮތް ގޮތަށް މަޝްވަރާކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެމްޑީޕީގެ އެމުޒާހަރާގައި ޖުމުލަ 14 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެން ވަނީ ދޫކޮށްލާފައެވެ. ފުލުހުންގެ އިންފޮޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ އެއެންމެން ދޫކޮށްލި ނަމަވެސް އެމީހުން މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.