މިނިވަން 50 ޗެމްޕިއަންޝިޕްގައި އއ. ތޮއްޑޫއާ އއ. ފެރިދޫ ކުޅުނު މެޗެއްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މުޚްތާރު ނަޞީރު (ޓޫކިލޯ) 10 މެޗަށް ސަސްޕެންޑްކޮށް 15000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމަށް ފައިނަލްގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި ޓޫކިލޯ ހަމަ ނުޖެހުން ހިންގީ މެޗްގެ އެސިސްޓެންޓް ރެފްރީއަށް ނިސްބަތްކޮށް އެއްޗެއް ބުނެގެން ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކުމުން ރެފްރީއަށް ހަމާލާ ދިނުމާ ގުޅިގެންނެވެ.

ޓޫކިލޯއާ މެދު އެޅި ފިޔަވަޅާ ގުޅިގެން އެފްއޭމުއިން ބުނެފައިވަނީ އޭނާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ނަމޫނާއަކަށް ބަލާ ކުޅުންތެރިޔަކަށްވެ ހުރެ އޭނާ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމް ޑިސިޕްލިނަރީ ކޯޑްގެ ދަށުން 10 މެޗަށް ސަސްޕެންޑްކޮށް 15،000 ރުފިޔާއިން ޖޫރި މަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފެރިދޫއާ ދެކޮޅަށް ތޮއްޑޫ މެޗަށް ނިކުތް އިރުވެސް އެޓީމަށް އޮތީ އއ. އަތޮޅުގެ ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ.

އެހެންވެ މިއަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕްގެ އެއްވެސް މެޗެއް އޭނައަކަށް ނުކުޅެވޭނެއެވެ.

ޓޫކިލޯއަކީ ކޮންމެ ރަމްޟާން މަހެއްގައި ބާއްވާ ވެޓަރަންސް މުބާރާތުގައި ކުޅޭ ކުޅުންތެރިޔެކެވެ. އެހެންވެ އެ މުބާރާތުގައި ވެސް އޭނާއަކަށް ނުކުޅެވޭނެ އެވެ.

އެންމެ ފަހުން ބޭއްވި ވެޓަރަންސް މުބާރާތުގައި އޭނާ ކުޅޭފައިވަނީ ކުލަބު ވެލެންސިއާގެ ވެޓަރަންސް ޓީމަށެވެ.