ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ރިޔާސީ ކޮމިޝަނުން ހޯދަން އިއުލާނު ކުރި މީހުންގެ ތެރޭގައި ހިމެނޭ ހއ. މުރައިދޫ،ވައިޖެހޭގެ، މުހައްމަދު ވިޝާމް (ވިޝް) ހޯދަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފި އެވެ.

ވިޝާމް ހޯދަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާއިރު މިހާތަނަށް އިތުރު ތިން މީހަކު ހޯދުމަށް ވެސް އިންޓަޕޯލް އިން ވަނީ މީގެކުރިން ރެޑް ނޯޓިސް ނެރެފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ އެކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލް އަހްމަދާއި ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ މ. ލޭންޑް އޮފް ގާޑަން އަޙްމަދު އިޝްފާހު އަލީ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފައެވެ. އަދި ބ. ހިބަޅިދޫ ފަޅުތެރެއިން ފުލުހުންނާއި ސިފައިން ހޯދި ހަތިޔާރުތަކާ ގުޅުމެއްވާ ކަމަށް ތުހުމަތު ކުރެވޭ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް ހޯދުމަށްވެސް އިންޓަޕޯލްއިން ވަނީ ރެޑް ނޯޓިސް ނެރެފައެވެ.

އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެ ދެ މީހުންނާއި އިތުރު ބަޔަކު ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ ކަމަށް ވިދާޅުވެ، ތަހުގީގަށް އެއްބާރުލުން ދިނުމަށް މާލެ އައިސް ފުލުސް އޮފީހަށް ހާޒިރުވުމަށް އެ އެންމެންނަށް އަންގައިފައެވެ. ނަމަވެސް މިހާތަނަށް އެމީހުން ރާއްޖެއައިސްފައެއް ނުވެ އެވެ.

މިހާތަނަށް ހަތަރު މީހަކު ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާއިރު އެއިން އެއްވެސް މީހަކު ރާއްޖެ އައިސްފައެއް ނުވެ އެވެ. އަދި ހައްޔަރުކޮށްފަ އެއް ވެސް ނުވެ އެވެ. ހޯދަން އިއުލާނުކުރި މީހުންގެ ތެރެއިން މިހާތަނަށް ހައްޔަރު ކުރެވިފައި ވަނީ ހުމަދު އަޝްރަފް (ޝުމްބާ ގޮންގް) އެވެ. އޭނާ ހައްޔަރު ކުރީ ލަންކާ އިން ނެވެ.