ދިވެހި ޔޫތު މޫވްމެންޓުގެ ފަރާތުން ބާއްވާ ޒުވާނުންގެ އަހަރީ ފެސްޓިވަލް، "ކައްޓި ހިތްވަރު" ފެސްޓިވަލް މިއަދު ފަށައިފި އެވެ.

ކައްޓި ހިތްވަރު ފެސްޓިވަލަކީ ޒުވާނުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމާއި މަދަނީ މާހައުލުގައި ޒުވާނުން ކުރާ މަސައްކަތް ދައްކުވައި ދީ ކޮންމެ ޒުވާނަކު ޝައުޤުވެރިކަން ހުންނަ ދާއިރާގައި ކުރި އެރުވުމަށް ހިތްވަރު ދީ ފުރުސަތު ފަހިކޮށް ދިނުމުގެ މަޤުސަދުގައި ބާއްވާ ފެސްޓިވަލެކެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ އެކި ހުނަދު ދައްކާލުމުގެ ގޮތުން އަހަރަކު އެއް ފަހަރު އެ ފެސްޓިވަަލް އަންނަނީ ބާއްވަމުންނެވެ.

ނޭޝަަނަލް އާޓް ގެލަރީގައި މިއަދު ހަވީރު ފެށި ފެސްޓިވަލް ހުޅުވައި ދިނީ ކެއާ ސޮސައިޓީ އާއި ބިއުޓިފުލް އައިސްގެ ހުނަރުވެރި ތިން ކުދިންނެވެ.

ކައްޓި ހިތްވަރު ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި އަހަރުގެ ފެސްޓިވަލުގައި 100 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައި - ސަން ފޮޓޯ: ފަޔާޒް މޫސާ

ސަލްޓަން ޕާކާއި ނެޝަނަލް އާޓް ގެލަރީގައި މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެސްޓިވަލުގައި، މިއަހަރު ތަފާތު އެކި ދާއިރާތަކުން 100 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ކުރެހުންތެރިންނާއި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކާއި، މިޔުޒީޝަނުންގެ އިތުރުން ފޮޓޯގްރަފަރުންނާއި ލިޔުންތެރިން ވެސް ހިމެނެ އެވެ.

ކައްޓި ހިތްވަރަކީ އެއްބައިވަންތަކަމާއެކު އެއް ބައެއްގެ ގޮތުގައި މަސައްކަތް ކުރާ މާހައުލެއް އުފައްދައި ބައިވެރިވާ ފަރާތްތަކުގެ މަސައްކަތްތަކުން މައުލޫމާތު އުނގެނި ހުރިހާ ފަރާތްތަކެއްގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ މަޤްސަދުގައި ބާއްވާ ފެސްޓިވަލެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކައްޓި ހިތްވަރު ފެސްޓިވަލްގެވެބްސައިޓުވެސް ވަނީ ލޯންޗުކޮށްފަ އެވެ. ވެބްސައިޓުން ފެސްޓިވަލުގެ ބައިވެރިންގެ މަސައްކަތްތައް ފެންނަން ހުންނާނެ ކަމަށް ދި ޔޫތް މޫވްމަންޓުން މައުލޫމާތު ދެއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި "ދި ޔޫތް މޯވްމެންޓް"ގެ ރައީސް ފާތިމަތު އިޝާ އަފީފު ވިދާޅުވީ ބައިނަލް އަގުވާމީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދުވަހާއި ގުޅިގެން އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މިއަދާއި މާދަމާ، ފެސްޓިވަލަށް ހިލޭ ވަދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލު ކުރަނީ އެކުދިންނަކީވެސް ވަރަށް އޭބަލް، ވަރަށް ޤާބިލިއްޔަތުކަން ހުރި ކުދިން ކަމަށް. އެހެންވީމާ އަޅުގަނޑުމެން މި ފެސްޓިވަލުގައި ކެއަރ ސޮސައިޓީ އާއި ބިއުޓިފުލް އައިސް ބައިވެރިކޮށްގެން ކުރިއަށް މިދަނީ،" އިޝާ ވިދާޅުވިއެވެ.