ރާއްޖޭގެ ފެނުގެ ހިދުމަތް ތަރައްގީކުރުމަށް ކުރިއަށްގެންދާ ހާއްސަ މަޝްރޫއުގެ ދަށުން، ފެނުގެ ނިޒާމުތައް ހިންގައި ބެލެހެއްޓުމަށް މީހުން ތަމްރީނު ކުރުމުގެ ދެ ކޯހެއް ހިންގުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

އެމެރިކާ ސަރުކާރުގެ ފަންނީ އެހީގެ ދަށުން ހިންގާ އެ ދެ ކޯސް ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގަ އެވެ. އަދި އެ ދެ ކޯހުގެ އަމަލީ ތަމްރީނުތައް ހިންގުމަށް ހަމަޖެހިފައި ވަނީ އެމްޑަބްލިއުއެސްސީގެ އައިއެސްއައި ސެޓިފައިޑް ލެބޯރަޓަރީގަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވާރަމަންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ރާއްޖޭގައި ފެނުގެ ޚިދުމަތް ތަރައްގީ ކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އަދި އެ ދާއިރާއަށް ތަމްރީނު ވެފައިވާ މީހުން ބޭނުންވާ ކަމަށެވެ.

"ފެނުގެ ވަޞީލަތްތައް ގާއިމު ކުރެވިގެންދާއިރު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ އެވަޞީލަތްތައް ހިންގާ ބަލަހައްޓާނެ މީހުން ތަމްރީނު ކުރުމަށް... މިކަންކަމުގެ ތެރެއިން ޒުވާނުންނަށް ފުރުސަތު ތަކެއް ތަނަވަސް ވެގެން އަންނަން ޖެހޭ. ދިވެހިންނަށް ވަޒީފާތަކެއް އިތުރުވެގެން އަންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެކަމަށް ގާބިލު ދިވެހިން ނުއުފައްދާނަމަ ބިދޭސީންނަށް ރާއްޖޭގައި ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސަލާ ޑރ. ފަވާޒް ޝަރީފު ވިދާޅުވީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އެ ދެ ކޯސް، އަންނަ އަހަރު ޖެނުއަރީ މަހުގައި ފެށާނެ ކަމަށެވެ.

"އޭގެ ކޮލިޓީ މެއިންޓެނެސް، އޮޕެރޭޝަން ޕްރޮސީޖާސް އަދި ލެބޯރަޓްރީ ޕްރޮސީޖާސް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން ފަރުމާކުރެވިފައިވާ ކޯސް ފެކަލްޓީ އޮފް ސައިންސާ ގުޅިގެން ހިންގަމުން ދާނީ، އަދި މީގެ ޓެކްނިކަލް ސައިޑު އިންޖިނިއަރިންގް ޓެކްނޮލޮޖީ އާއި ގުޅިގެން ހިންގޭނެ،" ފަވާޒް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވީ، ރާއްޖޭގައި ފެނުގެ ޚިދުމަތް ދިނުމަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތަކީ އެ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ހިންގާ އެ ދެ ކޯހުގެ ބައިވެރިންނަށް އަމަލީ ތަޖުރިބާ ދަސްކޮށްދިނުމަށް އެމްޑަބްލިއުއެސްސީން ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަންވެސް ފަޒުލް ދެއްވި އެވެ.