ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިނުމަށް އިމާރާތް ކުރަމުންދާ 408 ފުލެޓު އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ އެ ފްލެޓްތަކުގައި ހިމެނެނީ އެއް ކޮޓަރީގެ ފްލެޓާއި ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓް އަދި ހަތަރު ކޮޓަރީގެ ފްލެޓްކަމަށް ހައުސިން ޑިވެލެޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުންޏެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލެޓް ދޫކުރާނެ އުސޫލާއި ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ލަސްތަކެއް ނުވެ ފްލެޓްތައް މާކެޓަށް ހުޅުވާލެވި އިތުރު މައުލޫމާތު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ ހައުސިން މާކެޓް ފުޅާކުރުމުގެ ގޮތުން އެ ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ފިޔަވަހި ތަކަކަށް ބަހާލައިގެން އެކި މާކެޓްސެގްމަންޓް ތަކަށް ހާއްސަކޮށްފައިވާ ފްލެޓްތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފްލެޓް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅުގައި 408 ފްލެޓްގެ އަމަލީ މަސައްކަތް ފަށައި މާކެޓަށް ނެރުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި އެ ފްލެޓްތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އިތުރު މާކެޓް ސެގްމެންޓްތަކަށް ހާއްސަކޮށް ފްލެޓްތަކެއްގެ މަސައްކަތް ފަށާނެ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.