05 Dec 2015, 11:19
ދުނިޔޭގެ 22 ގައުމަކުން ގިނަ އަދަދެއްގެ ޔުނިވަރިސިޓީތައް ބައިވެރިވާ ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް އިން ބައިވެރިވެއްޖެ އެވެ.
ޔޫނިއަން އޮފް ޔުނިވަރސިޓީސް ( ޔޫޔޫއައި) އާއި ތުރުކީގެ އިންޓަނޭޝަނަލް އަރީސް ޔުނިވަރިސިޓީ ގުޅިގެން އިންތިޒާމް ކުރި "ސެވަންތު ކޮންފަރެންސް، ދަ ރޯލް އޮފް ރިސާޗް އެންޑް މެނިއުސްކްރިޕްޓްސް އިން ސިވިލިޒޭޝަނަލް އެޑިފިކޭޝަން"ގެ ނަމުގައި ތުރުކީގެ އިސްތަންބޫލްގައި މިހާރު ކުރިއަށް ގެންދާ ކޮންފަރެންސްގައި އައިޔޫއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމަށް އެ ޔުނިވަރސިޓީ އިން ބުންޏެވެ.

ޔުނިވަސިޓީތަކުގެ ކޮންފަރެންސްގައި ޑރ.ޝަހީމް ތަޤުރީރު ކުރައްވަނީ. ފޮޓޯ: އައިޔޫއެމް
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ދިރާސާތައް ކުރުމަކީ ގިނަ ފައިދާތަކެއް އެކުލެވޭ ކަމެއް ކަމަށާއި އެކި ސިވިލިޒޭޝަން ތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުންތައް ހައްލު ވުމަކީ އެފަދަ އެއް ފައިދާ ކަމަށެވެ. ދިރާސާ ކުރުމަށް އައިޔޫއެމް އިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި އެގޮތުން ދިރާސާ ކުރާ ސެންޓަރެއް މިހާރު ވެސް ގާއިމްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އަންނަ އަހަރު ބައިނަލްއަގުވާމީ ކޮންފަރެންސެއް ބާއްވަން އައިޔޫއެމް އިން ގަސްދުކުރާ ކަން ވެސް ޝަހީމް ހާމަކުރެއްވި އެވެ. އަދި އެ ކޮންފަރެންސްގައި ބައިވެރިވުމަށް އޭނާ ޔުނިވަރިސިޓީތަކަށް ގޮވައިލެއްވި އެވެ.