05 Dec 2015, 15:41
މެންޗަސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީއަށް އަނިޔާވެ ކުރިއަށް އޮތް ދެ މެޗްގެއި ނުކުޅެވޭނެ އެވެ.
ޔުނައިޓެޑްގެ ކޯޗް ލުއިސް ވެން ހާލް ބުނީ ކުރިން ބެލެވިފައި ވަނީ ރޫނީ އަށް ލިބުނީ ކުޑަ އަނިޔާއެއް ކަމަށާއި ކުރިއަށް އޮތް މެޗްގައި ކުޅެވޭނެ ކަމެށެވެ. އެހެން ނަމަވެސް ރޫނީގެ ފައިގެ ކުޑަހުޅަށް އަނިޔާވެ ލީގްގައި މިރޭ ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަންސް ލީގްގައި ވޫލްސްބާގްއާ ދެކޮޅަށް ކުޅޭ މެޗްގައި އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ.
އެންމެ ފަހުން ލީގުގައި ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާއެއްގެ ސަބަބުން ވަނީ، އެ މެޗުގެ ދެ ވަނަ ހާފްގައި ރޫނީ ވަނީ ބަދަލުކޮށްފަ އެވެ. ރޫނީގެ އިތުރުން ޕްރެކްޓިހުގައި އާޖެންޓީނާގެ ޑިފެންޑަރު މާކޯސް ރޯހޯގެ ކޮނޑުހުޅަށް އަނިޔާވި އިރު އޭނާ ވެސް މަދުވެގެން ތިން ހަފްތާ އަށް ކުޅުމާ ދުރު ހުންނަން ޖެހޭނެ ކަމަށް އެ ޓީމުން ބުނެ އެވެ. އަދި ޑިފެންޑަރު ފިލް ޖޯންސް އާއި މިޑްފީލްޑަރު އަންދަރު ހެރޭރާ ވެސް ހުރީ އަނިޔާގަ އެވެ.
ވެން ހާލް ބުނީ އަނިޔާގެ މައްސަލަ ދިމާވުމަކީ ޓީމަށް ލިބޭ ބަލިކަށި ކަމެއް ނަމަވެސް ތިބި ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށެވެ.
"މުހިއްމު ކުޅުންތެރިންނަށް އަނިޔާވުމަކީ ޓީމަށް ލިބޭ ބަލިކަށި ކަމެއް. އެހެން ނަމަވެސް އުންމީދު ކުރަނީ ބަދަލުގައި އަރާ ކުޅުންތެރިންގެ ފަރާތުން ވެސް މޮޅުކުޅުމެއް ފެނިގެންދާނެ ކަމަށް. އެ ކުޅުންތެރިންނަށް ވެސް ތަފާތު ދެއްކޭނެ،" ވެން ހާލް ބުންޏެވެ.
ނަމަވެސް އަނިޔާގެ ސަބަބުން ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެ ހުރެ، ލިންގާޑް މިރޭގެ މެޗުގައި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެންހާލް ވަނީ ބުނެފަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި މިރޭ ރާއްޖޭ ގަޑިން 20:30 ކުޅޭ އެ މެޗަށް ނިކުންނަ އިރު، އެޓީމު އޮތީ 28 ޕޮއިންޓާ އެކީ ލީގުގެ ތިންވަނައިގަ އެވެ.