06 Dec 2015, 09:05
ސުޕާ ހީރޯ ފިލްމެއް ކުޅުމަކީ އަބަދުވެސް ދެކޭ ހުވަފެެނެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި 2006 ވަނަ އަހަރުގެ މިސް ޔުނިވާޒް ޖެކޮލިން ފެނާންޑަޒް ބުނެފި އެވެ.
ހީރޯޕަންތީގެ އެކްޓަަރު ޓައިގާ ޝްރޮފްއާ އެކު ޖެކޮލިން ކުޅޭ ފިލްމު "އަ ފްލައިންގް ޖަޓް"އާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން ޖެކޮލިން ބުނީ، ފްލައިން ޖަޓް އަކީ ވަރަށް ތަފާތު ވާހަކައެއް ކަމަށެވެ.
"ފްލައިންގް ޖަޓްގެ ވާހަކައަކީ އަކީ ވަރަށް ތަފާތު އަދި ޝައުގުވެރި ވާހަކައެއް. އަހަރެން އަބަދުވެސް ބޭނުން ސުޕާ ހީރޯ ފިލްމެއް ކުޅެން، އެ ފިލްމުގައި ރޯލެއް ކުޅެން ލިބުނީތީ އަހަރެން ވަރަށް އުފާވޭ،" ޖެކޮލިން ބުންޏެވެ.
އެ ފިލްމުގައި ޓައިގާ ޝްރޮފް ސުޕާ ހީރޯއެއްގެ ރޯލުން ފެނިގެންދާ އިރު، ޖެކޮލިން ފެނިގެންދާނީ އޭނާގެ ބައިވެރިޔާގެ ރޯލުންނެވެ.
އެ ދެތަރިންގެ އިތުރުން އޮސްޓްރޭލިއާގެ މަޝްހޫރު އެކްޓަރު ނަތަން ޖޯންސް ވެސް އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ އެެވެ.
ރޯމިއޯ ޑި ސޫޒާ ޑައިރެކްޓް ކުރާ އެ ފިލްމު ސްކްރީންތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު މެދު ތެރޭގަ އެވެ.
މައުލޫމާތު: އައިބީއެން ލައިވް