އަންނަ އަހަރު ރާއްޖެ އަށް ރެކޯޑް އަދަދަކަށް ޓޫރިސްޓުން ގެނައުމަށް ވިޒިޓް މޯލްޑިވްސް އިޔާ 2016ގެ އަމާޒު ސަރުކާރު ހިފާފައިވާ އިރު، އެ އަދަދަށް ޓޫރިސްޓުން ގެނައުމުގައި އެއާޕޯޓުގެ ޖާގައިގެ ދަތިކަން ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

"ސަން" އާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ވިޒިޓް މޯލްޑިވްސް އިޔާގެ ޓާގެޓް ކަމަށްވާ 1.5 މިލިއަން ޓޫރިސްޓުން ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި ނަމަވެސް، އެއާޕޯޓްގެ ޖާގައިގެ ދަތިކަމާ ހުރެ އެކަމަށް ކޮންމެވެސް ވަރަކަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

"[ވިޒިޓް މޯލްޑިވްސް އިޔާ 2016 ގެ] ޓާގެޓަށް ވާސިލްވުމުގައި އޮތް ހަމައެކަނި މައްސަލައަކީ އެއާޕޯޓްގެ ހުރި ޖާގައިގެ ދަތިތައް. ނަމަވެސް މިހާރު ރައީސް އެވަނީ އެއާޕޯޓް ބޮޑުކުރަން ނިންމަވާފައި. ހަގީގަތުގައި ދެން އަޅުގަނޑެމުންނަށް އިތުރަށް މީހުން ދެން ގެނެވޭނީ ވެސް އެއާޕޯޓް ބޮޑުކޮށްގެން. ނަމަވެސް އަންނަ އަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ޓާގެޓަށް ރީޗް ކުރާނަން،" ޒަމީރު ވިދާޅުވި އެވެ.

އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުން -- ސަން ފައިލް ފޮޓޯ

މިހާރު ހުރި ވަސީލަތްތައް ނުވަތަ ޖާގަ ވަރަށް ރަނގަޅަށް ބަލައިގެން ބޭނުންކޮށް މެނޭޖްކޮށްފި ނަމަ އަންނަ އަހަރު ރާއްޖެ އަށް، ވިޒިޓް މޯލްޑިވްސް އިޔާގެ ޓާގެޓްކަމުގައިވާ 1.5 މިލިއަން ޓޫރިސްޓުން ގެނެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި މިހާރު ވެސް ހެނދުނު އަދި ހަވީރުގެ ޕީކް ގަޑިއަކީ އެއާޕޯޓް "މެގްޒިމަމް ޔޫސޭޖްގައި" ބޭނުންކުރާ ގަޑިތައްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ރާއްޖޭގެ ޕަބްލިކް ކުންފުނިތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް އަންނަނީ އެއްބާރުލުން ދެމުންނެވެ. އެގޮތުން ވިޒިޓް މޯލްޑިވްސް އިއާގެ ލޯގޯ އިޝްތިހާރުކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ރާއްޖޭން ބޭރުގައި ޓީމުތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ، އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެއްމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށެވެ. އަދި އެއާޕޯޓްގެ ތަރައްގީއާ އެކު އެއާލައިންތަކާއި ކުންފުނިތަކާއި ޓޫއަރިޒަމް ސެކްޓާތަކަށް ދެ ރަންވޭ އާއި ވޯލްޑް ކްލާސް ހިދުމަތްތައް ދެވޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވެ އެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދަނީ ފަސް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށާއި އޭގެ ތެރޭގައި ދެވަނަ ރަންވޭ އާއި ތެޔޮ ފާމުގެ އިތުރުން ޓާމިނަލްއެތައް ގުނައަކަށް ބޮޑުކުރުން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މަޝްރޫއަކީ 700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ޕްރޮޖެކްޓް ބާރު ސްޕީޑެއްގައި ސަރުކާރުން ކުރިއަށްގެންދާ އިރު، މިހާރު ވަނީ އާ އޭޕްރަންގެ މަސައްކަތް ދާދި ނިމުމަކާ ގާތަށް ގެނެސްފަ އެވެ.

އެގޮތުން އާ އޭޕްރަން މިމަހު ތެރޭގައި ރަސްމީކޮށް ބޭނުންކުރަން ފަށާ އިރު، މި މަހު 28 ވަނަ ދުވަހު ރެކޯޑް އަދަދަކަށް އައިއެންއައިއޭގައި ހައިލެވެލް ޓޫރިސްޓުންގެ ޕްރައިވެޓް ޖެޓްތައް ޕާކްކޮށް، އެއިން ގިނަ މަންފާތަކެއް އެއާޕޯޓަށް ވެސް އަދި ރާއްޖޭގެ ޓޫރިޒަމަށް ވެސް ލިބޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ. މީގެ ކުރިން އެ އަދަދަށް ޖެޓްތައް ޕާކް ނުކޮށް ފޮނުވާލަން ޖެހެނީ ވެސް އެއާޕޯޓްގެ ޖާގައިގެ ދަތިކަމާ ހުރެ އެވެ.