ވޭތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު ޗައިނާގެ ޗައިނާގެ ބޮކްސް އޮފީސްގެ ސޭލްސް މި އަހަރު 48 ޕަސެންޓް މަތި ވެފައިވާ ކަމަށް ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ޕްރެސް، ޕަބްލިކޭޝަން، ރޭޑިއޯ، ފިލްމްސް އެންޑް ޓެލެވިޝަން (ސާފްޓް) އިން ބުނެފި އެވެ.

ޗައިނާ އަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ފިލްމް މާކެޓު އޮންނަ ގައުމެވެ. އެއްވަނާގައި އެމެރިކާ އޮތް ކަމުގައި ވިޔަސް ބޮކްސް އޮފީސްގެ ސޭލްސް އެމެރިކާ އިން އަންނަނީ ދަށްވަމުންނެވެ.

ބޮކްސް އޮފީހުގެ ސޭލްސް އަށް އެހާ ބޮޑު ކުރިއެރުމެއް އެއްވެސް ބޮކްސް އޮފީހަކުން ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެގޮތުން މިއަހަރު މިހާތަނަށް ޗައިނާގެ ޓިކެޓް ސޭލްގެ ގޮތުގައި 6.3 ބިލިއަން އެމެރިކާ ޑޮލަރު ލިބިފަ އެވެ. އެ އަދަދަކީ މިދިޔަ އަހަރު އެމެރިކާގެ ސޭލްސްއަށް ވުރެ ކުޑަ އަދަދެކެެވެ. އެމެރިކާގެ ޓިކެޓް ސޭލްސް އަށް ވޭތުވެ ދިޔަ އަހަރު ވަނީ 10 ބިލިއަން ޑޮލަރު ލިބިފަ އެވެ.

ޗައިނާގެ އެޑްމިނިސްޓްރޭޝަން ބޮޑީ އިން ބުނެފައި ވަނީ މި އަހަރުގެ ބޮކްސް އޮފީސްގެ ސޭލްސް އަށް ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ ލޯކަލް ފިލްމުތަކުން ކަމަށެވެ. އެގޮތުން 3.7 ބިލިއަން ޑޮލަރަކީ ލޯކަލް ފިލްމުތަކުން ލިބުނު އާމްދަނީ ކަމަށް ވެސް އެޑްމިނިސްޓްރޭޓިވް ބޮޑީ އިން ވަނީ ބުނެފަ އެވެ.

ޗައިނާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑެތި އާމްދަނީއެއް ހޯދި އުފެއްދުންތަކުގެ ތެރޭގައި "އެވެންޖާސް: އޭޖް އޮފް އަލްޓްރޯން" އާއި "ޖުރެސިކް ވޯލްޑް" އަދި "މިޝަން އިމްޕޮސިބަލް: ރޯގް ނޭޝަން" ހިމެނެ އެވެ. އޭގެ އިތުރުން ލޯކަލް ފިލްމެއް ކަމަށްވާ "މޮންސްޓާ ހަންޓް" ވެސް ވަނީ އެންމެ ގިނަ އާމްދަނީއެއް ލިބުނު ފިލްމުތަކުގެ ތެރޭގައި ހިމެނިފަ އެވެ.