06 Dec 2015, 12:08
ޔޫއެލް ފްލައިޓް ނުވަތަ ސްރީލަންކާ އިން ރާއްޖެއަށް އަންނަ ފްލައިޓްތައް ދަންވަރު އޮޕަރޭޓް ކުރުމުގެ ވަގުތީ ހުއްދައެއް ދީފި އެވެ.
އެއާޕޯޓް ރަންވޭގެ މަސައްކަތްތައް ކުރިއަށް ދާތި މީގެ ކުރިން ވަނީ ރޭގަނޑު 12 ގެ ފަހުން ފްލައިޓް ނުޖައްސާ ގޮތަށް ހަމަޖައްސާފަ އެވެ.
ނަމަވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ "ސަން"އަށް ވިދާޅުވީ، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވެފައި ގިނަ ދިވެހިންތަކެއް ވެސް އެ އެއާލައިނުން ދަތުރުކުރާތީ ފަސިންޖަރުންގެ ލުއިފަސޭހައަކަށް މީގެ ކުރިން ދަންވަރު އޮޕަރޭޓް ކުރަމުން އައި ޔޫއެލް ފްލައިޓް އަލުން އޮޕަރޭޓް ކުރަން ހުއްދަ ދީފައިވާ ކަމަށެވެ.
އާދިލް ވިދާޅުވީ މީގެ ކުރިން ރޭގަނޑު 12 އާއި ހަމައަށް ފްލައިޓް އޮޕަރޭޓް ކުރި ނަމަވެސް މިހާރު އުސޫލަށް ގެނައި ބަދަލާއެކު ދަންވަރު 3:00 އާއި ހަމައަށް ޔޫއެލް ފްލައިޓެއް އޮޕަރޭޓްކުރާނެ ކަމަށެވެ. އަދި ރަންވޭގެ މަސައްކަތްތައް ކުރިއަށްދާނީ ދަންވަރު 3:00 ގެ ފަހުން ކަމަށެވެ. ޔޫއެލް ފްލައިޓް ދަންވަރު ޖެއްސުމުގެ ހުއްދަ ދީފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށެވެ.
ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައެވެ. މިހާރު ވެސް އެއާ ގުޅޭ ބައެއް ކަންކަން ރަންވޭގައި ކުރިއަށްގެންދާ އިރު އެ މަސައްކަތް 15 މިލިއަން ޑޮލަރަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ސިނޯ ހައިޑްރޯ ކޯޕަރޭޝަނާ އެވެ.
ރަންވޭގެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށެވެ.