އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އެކުވެރި ދައުލަތް (އދ)ގެ ލޯގޯ ބޭނުން ކުރި މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް ނަސޭހަތްތެރިވެއްޖެ އެވެ.

އީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީން ބޭއްވި މިންޖުވާން މުޒާހަރާގައި އދ. ގެ ލޯގޯ ބޭނުންކޮށްފައިވާތީ، އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް، އެ ޖަމާއަތުން ނެރުނު ބަޔާން އެ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. އެ ޖަމާއަތުގެ ލޯގޯ ބޭނުން ކުރެވޭނެ ގޮތުގެ ގައިޑްލައިން އެ ބަޔާނުގައި ބުނެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެކަމާ ގުޅިގެން ސިޔާސީ ޕާޓީތަކަށް ނަސޭހަތްތެރިވެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބައިނަލްގަވާމީ މައިދާނުގައި ރާއްޖޭގެ ފަޚްރުވެރި ސިޔާދަތާ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތަކުން ދުރުވެ އެފަދަ އަމަލު ތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

ސިޔާސީ ޕާޓީ ތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހިންގަން ވާނީ ސުލްހަވެރިކަމާއި އަމާންކަމާއެކު ގާނޫނުތަކާއި ގަވާއިދުތަކާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލަގްވާމީ މުއާހަދާތަކާއި، އެ މުއާހަދާތަކުގެ ދަށުން އަމަލު ކުރަންޖެހޭ ގައިޑްލައިންތަކާއި ޚިލާފް ނުވާނޭ ގޮތުގެ މަތިން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތް ތަކުގައި ކުޑަ ކުދިން ބޭނުން ނުކުރުމަށް ވެސް އެ ބަޔާނުގައި ހަނދާން ކޮށްދީފައިވެ އެވެ.

ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާތަކުގައި އދ. ގެ ލޯގޯ ބޭނުން ނުކުރަން ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ވަނީ މީގެ ކުރިން ސިޔާސީ ޕާޓީ ތަކަށް އަންގާފައެވެ.

ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުގެ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ ބައެއް މުޒާހަރާތަކުގައި އދ. ގެ ލޯގޯ ބޭނުންކުރާ ކަން އެނގިފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރަން ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގާ ކަމަށެވެ. އަދި ލޯގޯ ބޭނުން ކުރުމުގައި އދ. ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.