07 Dec 2015, 19:49
ރާއްޖޭގެ ބޮޑެތި ފަޅުތައް ރިއަލް އެސްޓޭޓްގެ އުސޫލުން ފަތުރުވެރިކަމަށް ދޫކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރިއަލް އެސްޓޭޓްގެ އުސޫލުން ބޮޑެތި ފަޅުތައް އިންވެސްޓަރުންނަށް ދިނުމަށް ނިންމައި އެކަމާ ގުޅޭ މަސައްކަތްތަކެއް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އެގޮތަށް ދޫކުރާއިރު އިކުއިޒިޝަން ކޯސްޓާއި އެހެނިހެން ޓެކްސްތައް ވެސް އިންވެސްޓަރުންގެ އަތުން ސަރުކާރަށް ނަގާނެ ކަމަށެވެ.
އެފަދަ ފަޅުތައް ދިނުމަށް ނިންމާފައި ވަނީ އިއުލާންކޮށްގެން ނޫންކަމަށާއި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ފަޅުތައް ދޫކުރާގޮތަށް ނިންމާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
އަޅުގަނޑުމެން އިއުލާންކޮށްގެނެއް ނޫން. އިންޓްރަސްޓު ހުރި ފަރާތްތަކުން އަޅުގަނޑުމެންނަށް ހުށަހެޅުންތައް ހުށަހަޅަންވީ. އިއުލާންކުރިޔަސް ބަޔަކު ނާންނާނެކަން އެނގޭ މިވަރުގެ ބޮޑެތި އިންވެސްޓްމަންޓުތަކަށް ދެއްތޯ. މީގެ ފަޅެއްގެ ތެރޭގައި ހެދިދާނެ 10 ރިސޯޓު 12 ރިސޯޓު ވެސް ދެއްތޯ
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވަޑައިގަތުމަށްފަހު ޒަމީރު ވަނީ ފަތުރުވެރިކަމުގެ ދާއިރާ މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ފައްޓަވައިފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރާ ޒަމީރު ވަނީ ސިންގަޕޫރަށް ވަޑައިގެން އެގައުމުގެ އިންވެސްޓަރުންނާ ބައްދަލުކުރައްވައި ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ އިން ހުރި އިންވެސްޓްމަންޓުތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
ދާދިފަހުން މިނިސްޓަރު ޒަމީރު ވަނީ އައްޑޫ ސިޓީ އަށް ވަޑައިގެން އެ ސިޓީގައި ފަތުރުވެރިކަމުގެ ދާއިރާއިން ތަރައްގީކުރެވެން ހުރި ތަންތަން ބައްލަވައިލައްވާފައެވެ. އެ ދަތުރުފުޅުގައި ސ. އިސްމެހެލަހެރެ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ޝައުގުވެރިކަންފާޅުކޮށްފައިވާ ބޭރުގެ ކުންފުންޏެއްގެ ބޭފުޅުންނަށް އެރަށް ދައްކާލުމަށްފަހު އެކަމާ ގުޅޭގޮތުން އެބޭފުޅުންނާ ވަނީ މަޝްވަރާ ކުރައްވައިފައެވެ.