މެލްބަން (ޑިސެމްބަރ 8):ކުރުދީ ހަނގުރާމަވެރިންނާއެކު އިސްލާމިކް ސްޓޭޓާ ދެކޮޅަށް ސީރިޔާގައި ހަނގުރާމަ ކުރި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އޭޝްލީ ޑައިބާލް އޭނާގެ ގައުމަށް އަނބުރާ ފޮނުވާލައިފި އެވެ.

ތޭވީސް އަހަރުގެ ޑައިބާލް އޮސްޓްރޭލިއާ އަށް އަނބުރާ ފޮނުވާފައި ވަނީ ހަނގުރާމައާ ދުރުގައި ދުވަސްކޮޅެއް ހޭދަކުރުމަށް ޖަރުމަނުގައި ހުއްޓާ ޖަރުމަނުގެ ސަރުކާރުންނެވެ.

އޮސްޓްރޭލިއާގެ ގާނޫނު އަސާސީގެ ދަށުން މެދު އިރުމަތީގެ ހަނގުރާމަވެރި ޖަމާއަތްތަކާ އޮސްޓްރޭލިއާގެ އާއްމުން ބައިވެރިވުމަކީ މަނާ ކަމެކެވެ. އެހެންކަމުން، ޖަރުމަނުން ޑައިބާލް ޑީޕޯޓް ކުރީ އޭނާއާ ކުރުދީ ހަނގުރާމަވެރިންނާ ގުޅުން އޮތުމުގެ ސަބަބުންނެވެ.

އާދިއްތަ ދުވަހުގެ ރޭ އޮސްޓްރޭލިއާ އެއާޕޯޓަށް ޑައިބާލް ފޭބުމާއެކު އޮސްޓްރޭލިއާގެ ފުލުހުން ވަނީ އޭނާ އާ ސުވާލު ކުރުމަށް ފުލުސް އޮފީހަށް ހާޒިރު ކޮށްފަ އެވެ. ސުވާލު ކުރުމަށް ފަހު ޑައިބާލް ދޫކޮށްލާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު އެވެ. ޑައިބާލުގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވެ އެވެ.

ޑައިބާލް އަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ދިޔަ އޭނާގެ މަންމަ، ޖޫލިއާ ޑައިބާލް ބުނީ އޭނާގެ ދަރިފުޅަކީ "ހީރޯ" އެއް ކަމަށެވެ.

"[ސީރިޔާގައި ހުންނަ] ލޭންޑް މައިންތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވޭ. އެ ލޭންޑްމައިންތައް ޑިފިއުޒް ކުރުމުގެ ކުށަކީ ކޮބައި ކަމެއް އަހަންނަކަށް ނޭނގެ،" ޖޫލިއާ ޑައިބާލް ބުންޏެވެ.

އައިއެސްއާ ދެކޮޅަށް ސީރިޔާގައި ހަނގުރާމަ ކުރަނިކޮށް މިއަހަރުގެ ޖޫން މަހު މަރުވި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ރީސް ހާޑިންގެ އާއިލާއިން ވެސް ޑައިބާލް އަށް މަރުހަބާ ކިޔާފައިވެ އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ބުނާ ގޮތުގައި އޮސްޓްރޭލިއާ ރައްޔިތުންނަށް އިރާގާއި ސީރިޔާގައި ކުރިއަށްދާ ހަނގުރާމަތަކުގައި ބައިވެރިވުން މަނާކޮށްފައި ވަނީ އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ އޮސްޓްރޭލިއާ ރައްޔިތުން ބައިވެރިވުން ހުއްޓުވުމަށްކަށެވެ. (ބީބީސީ)