ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ރޭ ވުލްފުސްބާގް އަތުން 3-2 ގެ ނަތީޖާ އަކުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ދެ ވަނަ ބުރަށް ނުހޮވި ކަޓައިފި އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުން ޔުނައިޓެޑް ބަލިވުމުން އެ ޓީމް އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. މިހެންވެ އެ ޓީމު ދެން ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގަ އެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރި ފުރަތަމަ ފަހަރު ޔުނައިޓެޑް ކެޓި އިރު ގްރޫޕުގެ އެއްވަނަ ލިބުނީ 12 ޕޮއިންޓާ އެކު ވުލްފުސްބާގަށެވެ. ދެ ވަނަ ލިބުނީ 10 ޕޮއިންޓާ އެކު ޕީއެސްވީ އެއިންދޯވަން އަށެވެ. ޔުނައިޓެޑް ތިން ވަނަ އަށްދިޔައީ އަށް ޕޮއިންޓާއެކުގަ އެވެ. ގްރޫޕުގެ ފުލަށްދިޔައީ ހަތަރު ޕޮއިންޓާ އެކު ސީއެސްކޭ މޮސްކޯ އަށެވެ. އެ ޓީމު ރޭ ބަލިވީ ޕީއެސްވީ އަތުން 2-1އިންނެވެ.

ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖް ފަހު މެޗްގައި ރޭ ޔުނައިޓެޑާ ވުލްފުސްބާ ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ:އޭޕީ

ރޭގެ މެޗުން ޔުނައިޓެޑް ބަލިވީ މެޗުގެ 10 ވަނަ މިނިޓްގައި އެންތަނީ މާޝިއަލް ލަނޑު ޖަހައި ޓީމަށް ލީޑު ހޯދާދީފައިވަނިކޮށެވެ. މި ލީޑު ޔުނައިޓެޑަށް ހިފެހެއްޓުނީ އެންމެ ތިން މިނިޓް ވަންދެންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި ނަލްޑޯ ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރި އިރު 29 ވަނަ މިނިޓްގައި ވެއިރީނާ ވަނީ ދެ ވަނަ ލަނޑު ޖަހައި ފަހަތުން އަރައި ލީޑް ހޯދައިފަ އެވެ.

ވުލްފުސްބާގްގެ ތިން ވަނަ ލަނޑު ޖެހީ އެ ޓީމުގެ ޖޯޝުއާ އަތުން ބައިކޮޅަށް ވަންލަނޑާ އެކު މެޗުގެ ނަތީޖާ 2-2އިން އެއްވަރުވެފައިވަނިކޮށް، 84 ވަނަ މިނިޓްގައި ނަލްޑޯ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް ވެން ހާލް ބުނީ މި ވަގުތު އަމިއްލަ ނަފްސު ދިފާއު ކޮށްވެސް ވާހަކަ ދެއްކޭ ކަށް ނެތް ކަމަށާއި މިވަގުތު އޭނާ ބުނީ ކޮންމެ ބަހަކީ ވެސް ގަބޫލު ނުކުރެވޭނެ ބަސްތަކަކަށް ވެގެން ދާނެ ކަމަށެވެ.

"އަހަރެންގެ ޓީމްގެ ފަރާތުން ފެނިގެން ދަނީ ދަށް ކުޅުމެއް ނޫން. އެކަން އިގޭނެ ލީގްގައި މި ޓީމް އޮތް ހިސާބަށް ބަލާލި ނަމަވެސް. ހަގީގަތަކީ މިދިޔަ އަހަރަށް ވުރެން މާ ބޮޑަށް ވެސް މި ޓީމްގެ ކުޅުން ރަނގަޅު ކަން. އެހެން ނަމަވެސް މި މެޗުން ބަލިވެ ކެޓުމުން އެންމެނަށް ވެސް ފެންނާނީ އެ މަންޒރު،" ވެންހާލް ބުންޏެވެ.