10 Dec 2015, 10:05
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖަރުމަނުގެ "ލުފްތަންސާ" އެއާލައިނަށް ރާއްޖޭގެ އެއާޕޯޓަށް މަރުހަބާ ކިޔައިފި އެވެ.
ޖަރުމަނުގެ ލުފްތަންސާ އެއާލައިންގެ ފްލައިޓް އެލްއެޗް 704 އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ މިއަދު ހެނދުނު 9:15ގަ އެވެ.
ފްލައިޓް ޖެއްސުމާ އެކު އެއާޕޯޓުން ވަނީ ވޯޓާ ސެލިއުޓަކާ އެކު ދިވެހި ބޮޑުބެރުގެ އައިޓަމްތަކަކުން އެ އެއާލައިނުން އައި ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މަރުހަބާގެ ސަލާމް ކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ސަރުކާރާއި އެމްއޭސީއެލްގެ އިސްވެރިންނެވެ.
ޖަރުމަނުގެ ފްރެންކްފާޓް އެއާޕޯޓުން ރާއްޖެ އަށް ބާއްވާ ސީދާ ފްލައިޓްތައް ބާއްވަނީ އެ އެއާލައިނުގެ އެއާބަސް އޭ340-300 ގަ އެވެ. އެ ފްލައިޓުގައި 298 ފަސިންޖަރުންގެ ޖާގަ ހިމެނެ އެވެ. އެއީ ބިޒްނަސް ކްލާހުގެ 18 ސީޓާއި 19 ޕްރީމިއަމް އިކޮނޮމީ ސީޓާއި އިކޮނޮމީ ކްލާހުގެ 261 ސީޓެވެ. އެގޮތުން ހަފްތާއަކު ދެ ފްލައިޓް ރާއްޖެއިން ޖަރުމަނަށް އަދި ޖަރުމަނުން ރާއްޖެއަށް ބާއްވާނެ އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެވައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މިއަހަރު މިހާތަނަށް ޖަރުމަނުން 85000 ފަތުރުވެރިން ރާއްޖެ އަށް އައިސްފައިވާ ކަމަށެވެ. އަދި ލުފްތަންސާއަށް މަރުހަބާ ކިޔުމާއެކު އެ އަދަދު އިތުރުވާނެ ކަމަށާއި ޖަރުމަނަކީ ރާއްޖޭއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގައި ދެވަނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ލުކްތަންސާ އިން ރާއްޖެއަށް ދަތުރު ފެށުމަކީ ރާއްޖޭގެ ޓޫރިޒަމަށް އަދި އެމްއޭސީއެލް އަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވެސް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ އިރު، އެއާޕޯޓް ތަރައްގީގެ މަސައްކަތްތައް ނިމުމުން މިފަދަ އިތުރު އެއާލައިންތަކަށް ރާއްޖެއިން މަރުހަބާކިޔާނެ ކަމަށް އާދިލް ވިދާޅުވި އެވެ.
މިއަދުގެ ހަފްލާގައި ވަނީ ލުކްތަންސާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ އުފަލުގައި ކޭކް ފަޅައިފަ އެވެ.