12 Dec 2015, 14:34
މެނީލާ (ޑިސެމްބަރ 12): މީހަކު ރަހީނުކޮށް ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ ތިން މީހަކު މަރާލިކަމަށް ފިލިޕީންސުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ކެންޑިޑޭޓް މޭޔާ ރޮޑްރިގޯ ޑުޓާޓޭ އިއުތިރާފުވި މައްސަލަ ހޫނުވެއްޖެ އެވެ.
"ކުށްވެރިން" މެރުމަކީ އިންސާފުވެރި ކަމެއް ކަމަށް ބުދަ ދުވަހު ފިލިޕީންސުގެ ގައުމީ ރޭޑިއޯ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ޑުޓާޓޭ ވިދާޅުވުމުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އެ މައްސަލަ ބެލުމަށް ފިލިޕީންސުގެ ޕުރޮސިކިއުޓަރުންނަށް ގޮވާލައިފަ އެވެ.
"(ފިލިޕީންސުގެ) ރައްޔިތުންނަށް ޑުޓާޓޭ އަމަލު ކުރި ގޮތް އެނގުނު ނަމަވެސް، އެއްވެސް މީހަކު އޭނައާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައި ނުވުމަކީ (އެގައުމުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުންނަށް އަދަބު ނުދިނުމުގެ ސަގާފަތެއް އަލާވަމުންދާ ކަމުގެ) މިސާލެއ،ް" ފިލިޕީންސުގައި ހުންނަ އެމްނެސްޓީގެ އިސް ފަރާތަކުން ވިދާޅުވި އެވެ.
ބުދަ ދުވަހު ދެއްވި އިންޓަވިއުގައި އެ ހާދިސާ ހިނގި ގޮތް ކިޔައި ދެއްވަމުން ޑުޓާޓޭ ވިދާޅުވީ އެ ހާދިސާ ހިނގީ، 1988ގައި މީހަކު ރަހީނުކޮށް ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ ބަޔަކު، ރަހީނު ކޮށްފައިވާ މީހާގެ ބަދަލެއްގެ ގޮތުގައި ފައިސާ ދިނުމަށް އާއިލާއަށް އެންގުމުން ކަމަށެވެ.
ފިލިޕީންސްގެ ދެކުނު ސިޓީއެއްގެ މޭޔަރެއް ކަމަށްވާ ޑުޓާޓޭ ވިދާޅުވީ ހަތިޔާރު އަޅައިގެން ތިބި އެ ތިން މީހުން ފައިސާއާ ހަވާލުވާން އައުމުން އެމީހުންގެ ގަޔަށް ބަޑި ޖަހައި މަރާލީ އެއްވެސް ފަސްޖެހުމެއް ނެތި ކަމަށެވެ.
ޑުޓާޓޯ އަށް ތާއިދު ކުރާ ގިނަ މީހުން ބުނާ ގޮތުގައި އޭނާ ރައީސަކަށް އިސްކުރުމަށް ކަމުދަނީ ޑުޓާޓޯ މޭޔަރުކަމުގައި ހުންނެވި 22 އަހަރު ތެރޭގައި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ. ޑުޓާޓޯ ވަނީ މޭޔަރު ކަމުގައި ހަތް ދައުރު ފުރިހަމަ ކުރައްވާފައި އެވެ.
އެންމެ ފަހުން ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯއްދަވާނެ ކަމަށް އެންމެ ބޮޑަށް ލަފާ ކުރެވެނީ ޑުޓާޓޯ އެވެ.
މައުލޫމާތު: އަލްޖަޒީރާ