އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ކުޅުނު، ބޯނެމައުތް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ، މެންޗެސްޓާ ސިޓީ ތާވަލުގެ އެއްވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 16 މެޗުން 32 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އެއް މެޗު މަދުންކުޅެގެން ވެސް ވަނީ 32 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މާދަމާރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން ލީގުގެ އެއް ވަނަ އަށް އަލުން އަރަން ލެސްޓާ އަށް ބޭނުންވަނީ މަދުވެގެން ޕޮއިންޓެކެވެ. ތިން ވަނައިގައި 15 މެޗުން 30 ޕޮއިންޓާ އެކު އޮތް އާސެނަލަށް ވެސް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެއީ މިރޭ ރަށުން ބޭރުގައި އެސްޓަން ވިލާ ބަލިކޮށްގެންނެވެ.

ޔުނައިޓެޑް ބަލިވީ 2-1އިންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ ދެ ވަނަ މިނިޓްގައި ޖޫނިއާ ސްޓަނިސްލާސް އެވެ. މިއީ ބޯނެމައުތުން މުބާރާތުގައި ޖެހި އެންމެ އަވަސް ގޯލެވެ. މެޗުގެ ނަތީޖާ ޔުނައިޓެޑަށް އެއްވަރުކޮށްދިނީ 24 ވަނަ މިނިޓްގައި މަރައުނޭ ފެލައިނީ އެވެ. ޔުނައިޓެޑް މެޗުން ބަލިވީ 54 ވަނަ މިނިޓްގައި ޔޯޝުއާ ކިންގެ ޖެހި ގޯލުންނެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ސްވަންސީ ބައްދަލު ކުރި މެޗްގައި ސިޓީގެ ޔާޔާ ޓޫރޭ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ
މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނީ ޓޭބަލުގެ އެންމެ ފަހަތުގައި އޮންނަ ޓީމެއްގެ އަތުން ކުރީގައި އޮތް ޓީމެއް ބަލިވުމަކީ ގަބޫލުކުރަން ފަސޭހަ ކަމެއްނޫން ކަމަށެވެ. ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާ ކުރި ހިތްވަރު ބަލައިގަންނަ ކަމަށެވެ.

"ބޯންމައުތުން ރަނގަޅަށް ކުޅުނު. ޔުނައިޓެޑަށް ދިމާވީ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ މައްސަލަ. ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ނުކުޅެވޭތީ މައްސަލަތަކެއް ދިމާވި. އެކަމަކު ބަލިވުމުން އުޒުރު ދައްކަން ނެތިން،" ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ނުގޮސް ކެޓި ޔުނައިޓެޑުގެ ކޯޗު ވެންހާލް ބުންޏެވެ.

އަމިއްލަ ދަނޑުގައި ރޭ ސްވަންސީ އަތުން 2-1 އިން ސިޓީ މޮޅުވީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުން ޖެހި ލަނޑަކުންނެވެ. މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ ވިލްފްރެޑް ބޮނީ މެޗުގެ 26 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދީފައިވަނިކޮށް، މެޗު ނިމެންކައިރިވެފައި ވަނިކޮށް ސްވަންސީން ނަތީޖާ އެއްވަރުކުރީ ބަޓެޓިމްބީ ގޮމިސް ޖެހި ލަނޑުންނެވެ.

އެކަމަކު މެޗުގެ އިތުރު ވަގުތުގައި ސިޓީ އަށް ތިން ޕޮއިންޓް ލިބުނީ ސިޓީގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ފޮނުވާލި ބޯޅައެއް، އެ ޓީމުގެ ކެލީޗީ ލެއަނާޗޯގެ ގައިގައި ޖެހިފައި ސްވަންސީގެ ގޯލުގެ ތެރެއަށް ވަނުމުންނެވެ.