13 Dec 2015, 11:49
މުޅި ދުވަހުގެ ބާއްޖަވެރިކަމަށް، ހެނދުނުގެ ނާސްތާގައި އޯޓްމީލް ހިމަނާށެވެ. އޯޓްމީލް އަކީ ހަށިގަނޑަަށް ހަކަތަ ލިއްބައިދޭ ކާނާއެކެވެ. ހަމައެހެންމެ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް ވެސް އެކުލެވިގެންވާ ކާނާއެކެވެ.
ޕްރޮޓީން ގިނަ އަދަދަކަށް އެކުލެވޭ އޯޓްމީލް އަކީ ދުޅަހެޔޮ ހަށިގަނޑަކަށް ބޭނުންވާ މެކްރޯ ނިއުޓްރިއެންޓް ވެސް ގިނަ އަދަދަކަށް އެކުލެވޭ ކާނާއެކެވެ. އެގޮތުން އޯޓްމީލްގައި އަޔަން، ކޮޕާ، ފޮސްފަރިކްސް، އަދި ޒިންކު އެކުލެވިގެންވެ އެވެ.
ހަމައެއާ އެކު އޯޓްމީލް އަކީ އެހެންނިހެން ކާނާ އާއި އަޅައިބަލާއިރު، "ފެޓް" އެކުލެވިގެންވާ މިންވަރު މަދު ކާނާއެކެވެ.
ބަރުދަން ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އޯޓްމީލް

އޯޓްމީލް އަކީ ބަރުދަން ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ވެސް ބޭނުން ކުރެެވިދާނެ ކާނާއެކެވެ. ހެނދުނުގެ ނާސްތާއަށް އާއްމުކޮށް ބޭނުންކޮށްއުޅޭ ކޯންފްލޭކްސް އާއި އަޅައި ބަލާއިރު އޯޓްމީލް އަކީ ހަޖަމްވުން ލަސް ކާނާއެކެވެ. އެހެންކަމުން ގިނަ އިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް އޯޓްމީލް ކެއުމުން ކުރާނެ އެވެ.
ލޭގް ޕްރެޝަރަށް ވަކި މިންގަނޑެއްގައި ހިފަހައްޓައިދޭ

ޕޮޓޭޝިއަމް އާއި ކެލްޝިއަމް އެކުލެވޭ ކާނާ ކެއުމުން ލޭގެ ޕްރެޝަރު މަތި ވިޔަ ނުދީ ވަކި މިންގަނޑެއްގައި ހިފަހައްޓައި ދެ އެވެ. އޯޓްމީލް އަކީ އެފަދަ ކާނާއެކެވެ. އެހެންކަމުން ލޭގެ ޕްރެޝަރު މަތިވުން ފަދަ މައްސަލަތައް ދިމާވާ ފަރާތްތަކުން އޯޓްމީލް ކެއުން ވަރަށް މުހިއްމެވެ.
ހަންގަނޑަށް ހުރި ފަރުވާއެއް

ހަންގަނޑަށް ދިމާވާ ހިރުވުން ފަދަ މައްސަލަތަކަށް އޯޓްމީލް އަކީ ހައްލެކެވެ. އެގޮތުން އޯޓްމީލްގެ އުފެއްދުންތައް ހަންގަނޑަށް ބޭނުން ކުރުމުން ހަންގަނޑު އޮމާންކޮށްދީ ހަމުގެ ޕީއެޗް ނޯމަލައިޒް ކޮށްދެ އެވެ. އަދި ހަންގަނޑަށް ދިމާވާ ހިރުވުން ފަދަ މައްސަލަތަކަށް ހައްލު ހޯދައި ދެ އެވެ.
ނިދުމުގެ ކުރިންވެސް އޯޓްމީލް ކެއުން މުހިއްމު

ދުވަސް ފެށުމުގެ ގޮތުން އޯޓްމީލް ބޭނުން ކުރާ ފަދައިން ދުވަސް ނިންމުމަށް ވެސް އޯޓްމީލް ބޭނުން ކުރާށެވެ. އެގޮތުން ނިދަން އޮށޯތުމުގެ ކުރިން އެއްތަށި އޯޓްމީލް ކާށެވެ. އޯޓްމީލް އަކީ އޭގައި މެލަޓޮލިން އަދި ކޮމްޕްލެކްސް ކާބޯހައިޑްރޭޓް ހިމެނޭ ކާނާ އެކެވެ.
އިންސާނާ ނިދުމަށް ބޭނުންވާ މާއްދާއެއް ކަމަށްވާ "ޓްރިޕްޓޯފަން" އެ ދެ ކާބޯހައިޑްރޭޓުގެ އެހީގައި ސިކުނޑިއަށް ފޮނުވައި ދެއެވެ. އަދި އަރާމު ނިންޖަކުން ނިދުމަށް އެހީތެރިވެދެ އެވެ.
މައުލޫމާތު: ހެލްތްޓިޕްސް.ކޮމް އަދި ހެލްތް.އަސްނިއުސް.ކޮމް