ކައިވެނިކޮށްގެން އުޅުނު އިރު އަނބިމިހާގެ ކާރު ވިއްކާލައިގެން ލިބުނު ފައިސާ ފިރިމީހާ ބޭނުންކޮށްފައި ވާތީ އެ ފައިސާ އަނބުރާ އަނބިިމީހާ އަށް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮަތަށް ހުކުމް ކޮށްފައި ވަނީ އެ ދެ މީހުންގެ ކައިވެނި މިހާރު ރޫޅިފައިވާތީ އެ ފައިސާތައް ހޯދުމަށް އަނބިމީހާ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ނެވެ.

ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އެ ހުކުމުގައިވާ ގޮތުން އަނބިމީހާގެ ކާރު 125،000 ރުފިޔާ އަށް ފިރިމީހާ ވިއްކާލައިފައި ވަނީ އަނބިމީހާއަށް އެނގި އޭނާގެ ރުހުމުގެ މަތީން ކަމުގައިވީ ނަމަވެސް އެ ކާރު ވިއްކައިގެން ލިބުނު މަންފާ އަކީ އަނބިމީހާގެ ހައްގެއް ކަމަށް ބަލަންޖެހޭ ކަމަށެވެ.

ހުކުމުގައިވާ ގޮތުން ކައިވެނި ރޫޅި ދެ މީހުން ވަކިވެ ދާއިރު އެ މީހެއްގެ މުދާ ނުވަތަ ފައިސާ އެ މީހަކަށް ލިބިދުނުމަކީ އެންމެ އަދުލުވެރި އަދި އެންމެ މަސްލަހަތު ހުރި ގޮތެވެ. އަދި ބުނީ އަނބިމީހާގެ ކާރު ފިރިމީހާ ވިއްކާލައިގެން ލިބުނު ފައިސާ އަކީ އަނބިމީހާ އަށް ދައްކާފައި ނުވާ ފައިސާއެއްކަން ދެފަރާތުގެ ބަހުންނާއި ހުށަހަޅާފައިވާ ލިޔެކިއުންތަކުން ސާބިތުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނެފައި ވަނީ އަނބިމީހާގެ ކާރު ވިއްކާލައިގެން ލިބުނު ފައިސާ އަށް މަސް ދުވަހުގެ ތެރޭގައި އެ މަހަކަށް ދައްކަންޖެހޭ ވަރަށް ވުރެ މަދުނޫން މިންވަރެއް ފިރިމީހާ ސިވިލް ކޯޓަށް ދައްކަންޖެހޭނެ ކަމަށެވެ.