ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރާ "ޓްރީ ޓޮޕް" ހޮސްޕިޓަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން މިރޭ ބުނެފި އެވެ.

ހުޅުމާލޭގައި ހުންނަ ބީއެމްއެލް ބްރާންޗު ހުޅުވުމުގެ ގޮތުން ހުޅުމާލޭގައި މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބީއެމްއެލް އިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ އިރު އެތަނަކީ ދިވެހިންނަށް އެތައް ގުނައަކުން ފައިދާ ކުރާނެ ހޮސްޕިޓަލެއް ކަމަށެވެ.

"ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިގެން މިކަން ހަގީގަތަކަށް ހެދުމަކީ ބީއެމްއެލް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އެންޑްރޫ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންޑްރޫ ވިދާޅުވީ ހުޅުމާލޭގައި މީހުން އާބާދަވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި އާބާދުވަމުން އަންނަ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން އެއް ބިލިއަން ރުފިޔާގެ ހޯމް ފައިނޭންސް ފަންޑެއް ވެސް ގާއިމް ކުރަން އެ ބޭންކުން ނިންމާފައިވާ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ފަހުން އެ ބޭންކުން ހާމަ ކުރާނެ ކަމަށެވެ.

ބީއެމްއެލް އިން މިރޭ ހުޅުމާލޭގައި ހުޅުވި އެ ބޭންކުގެ ހުޅުމާލެ ބްރާންޗް އަލުން މިރޭ ހުޅުވިއިރު އެ ބްރާންޗު ޒަމާނީކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ ހިދުމަތްތައް ވަނީ ތައާރަފުކޮށްފަ އެވެ.